ސީރިޔާއަށާއި އެހެނިހެން ޤައުމުތަކަށް ހަނގުރާމައަށް މީހުން ފޮނުވާ މީހެއް ނޫންކަމަށާއި ދުވަހަކުވެސް އެފަދަކަމެއް ނުކުރައްވާކަމުގައި ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޢަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.
ޢަލީ ރަމީޒު މިހެން ވިދާޅުވީ އަލީ ރަމީޒުއަކީ ޓެރަރިޒަމަށް ހިތްވަރުދީ ހަނގުރާމައަށް މީހުން ރެކްރޫޓުކުރާ މީހެއްކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަނުންނެވެ.
ޖަމިއްޔަތުލް ސަލަފުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އަލީ ރަމީޒު ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރުމާއި، މީހުން ރެކްރޫޓްކޮށް ފަންޑު ހޯދައި ސީރިޔާ އާއި އެހެން ޤައުމުތަކަށް މީހުން ފޮނުވާކަމަށް ބުނެ ޢަލީ ރަމީޒަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ ވަރަށް ގިނައިން އަޑުއިވޭ ވާހަކަތަކެއް ކަމުގައެވެ. އަދި އެފަދަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ދުވަހަކުވެސް އެފަދަ ކަމެއް ނުކުރައްވާކަމަށް އަލީ ރަމީޒު ވަނީ މާތް ﷲ ގަންދީ ހުވާ ކުރައްވާފައެވެ.
”އަޅުގަނޑަކީ ދުވަހަކުވެސް މިހާތަނަށް އައިރު ސީރިޔާ އަށް މީހުން ފޮނުވައި ޖިހާދުކުރަން މީހުން ފޮނުވައި ދުވަހަކުވެސް މިކަހަލަ ކަމެއް ކުރި މީހެއް ނޫން.“ އަލީ ރަމީޒު ވިދާޅުވިއެވެ.
ޢަލީ ރަމީޒް ވިދާޅުވީ ޖަމްޢިއްޔަތުއް ސަލަފުން ހަނގުރާމައަށް މީހުން ފޮނުވާ ވާހަކައާއި، ފަންޑުކުރާ ވާހަކައާއި އެ ހުންނަނީ ހައްތާވެސް ދެކެވޭ ދޮގު ވާހަކަތައް ކަމަށާއި، އެފަދަ ވާހަކަތަކަކީ އެކަމުގައި އެއްވެސް ޙަޤީޤަތެއް ނުވާ ވާހަކަތަކެއް ކަކުގައެވެ.
”އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ފޯނުން ދައްކާ ހުރިހައި ވާހަކަތަކާއި، މެއިލް ތުރޫކޮށް ދެކެވޭ ވާހަކަތަކާއި، އެ ހުރިހައި ވާހަކަތައް ބަލަން ބޭނުންވާ ބަޔަކަށް ބެލޭނެ. ތި ސުވާލުގެ ޖަވާބު ވަރަށް ސިމްޕަލް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކީ ދުވަހަކު ވެސް އެފަދަކަމެއް ކުރި މީހެއް ނޫނޭ.“ ޢަލީ ރާމީޒު ވިދާޅުވި އެވެ.
ދީނީ ކަންކަކުގައި މީހުން ހޭލުންތެރިކުރުމާއި، ދީނީ ކަންކަކުގައި މީހުންނަށް އެހީތެރިވެދެއްވަމުން ގެންދަވާ ޢަލީ ރަމީޒު އަކީ އިސްލާމްދީނާއި ގުޅޭ މުހިންމު ގިނަ ޕްރޮގުރާމްތަކެއް ރޭޑިއޯއާއި ޓީވީގެ އިތުރުން ޔޫޓިއުބް މެދުވެރިކޮށް ހުށައަޅުއްވައިދެއްވަމުން ގެންދަވާ ހުނަރުވެރި ބޭފުޅެކެވެ.









