Search Streamline Icon: https://streamlinehq.com

އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އދ އިން އެމެރިކާއަށް ގޮވާލައިފި

އިރާން

ތެހްރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން 2015 ގައި އިރާނާއިއެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމާއި އެއްގޮތަށް، އެމެރިކާއިން އިރާންއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނުވަތަ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް އދ. ގެ ސެކެޓްރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭޒް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ގޮވާލައިފިއެވެ.

އދ. ގެ ސަލާމަތާއި ބެހޭ ކައުންސިލަށް ފޮނުވި ރިޕޯޓެއްގައި އިރާންގެ ތެލުގެ ވިޔަފާރިއަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދި އެހެނިހެން ބައެއް ދާޢިރާތަކުން އިރާނަށް ދަތި ކޮށްފައި އޮތް އޮތުން އުވާލުމަށް ގުޓަރޭޒް ވަނީ ބާރު އަޅުއްވާފައެވެ. ހަމައެއާއެކު އެއްބަސްވުމާއި އެއްގޮތަށް އިރާނުން ވެސް އަމަލުކުރުމަށް އެރިޕޯޓުގައި ގޮވާލާފައިވެއެވެ.

އިރާން، އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަނު، ރަޝިޔާ އަދި ޗައިނާގެ ނިއުކްލިއާ މަޝްރޫއުތަކާއި ބެހޭގޮތުން އެކުލަވާލާފައިވާ ގުޓަރޭޒްގެ މި ރިޕޯޓާއި ބެހޭގޮތުން ސަލާމަތާއިބެހޭ 15 މެމްބަރުންގެ ކައުންސިލުން ބުދަދުވަހު ވަނީ މަޝްވަރާ ކޮށްފައެވެ.

ބޭރުގެ ނޫހެއް ކަމުގައިވާ އަލްއަރަބިއްޔާގައި ބުނެފައިވާ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލާފައި މި ވަނީ އިރާނާއެކު ވެފައިވާ އެއްބަސްވުން އަލުން އައުކުރުމަށް ވޮޝިންޓަންގައި މަޝްވަރާ ކުރެވެމުންދާ ދުވަސްވަރެއްގައެވެ. އެއެއްބަސްވުމުގައިވާ ގޮތުން، ބައެއް ޤައުމުތަކުން އިރާނަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމުން ބަދަލުގައި އިރާންގެ ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލުމަށް ނުވަތަ ހުއްޓާލުމަށް ވަނީ އެއްބަސްވެފައެވެ.

އިރާނާއެކު އެމެރިކާއިން ވެފައިވާ ނިއުކްލިއާ އެއްބަސްވުމާއި ބެހޭގޮތުން ޔޫރަޕް އިއްތިހާދުގެ ފަރާތުންވެސް ދަނީ އެމެރިކާއާއި ވާހަކަ ދައްކަމުންނެވެ. އެގޮތުން ޔޫރަޕު އިއްތިހާދުގެ ފަރާތުން އދ. އަށް ކަނޑައަޅާފަ ހުންނަވާ ސަފީރު  އޯލޮފް ސްކޫގް އދ ގެ ސަލާމަތާއިބެހޭ ކައުންސިލްގައި ވިދާޅުވެފައި ވަނީ، ނިއުކްލިއަރ އެއްބަސްވުމާއި އެއްގޮތަށް އެމެރިކާއިން އިރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތައްޔާރަށް އޮތް ކަމުގެ ނިޝާންތަކެއް ދައްކާފައިވާ ކަމަށެވެ.

2015 ގައި އަމަލުކުރަން ފެށި މި އެއްބަސްވުން އުވާލާފައި ވަނީ 2018 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައެވެ. އެއްބަސްވުން އުވާލުމަށްފަހު ޓްރަމްޕް ވަނީ އިރާނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެކަމުގެ ސަބަބުން 2019 ވަނަ އަހަރު އިރާނުންވެސް ވަނީ ނިއުކްލިއަރ އެއްބަސްވުމާއި ޚިލާފް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *