ކެނެޑާގެ އެންމެ ހޫނުގަދަ އަވަށެއް ކަމަށްވާ ލައިޓޮންގައި އަލިފާން ރޯވެ މުޅިއަވަށަށް އަލިފާންގަނޑު ފެތުރެން ފަށައިފިއެވެ.
އެއަވަށުގައި ދިރިއުޅޭ މީހުން ވީހާވެސް އަވަހަށް އެއަވަށް ދޫކޮށް ދިޔުމަށް ލައިޓޮންގެ މޭޔަރ ވަނީ އިލްތިމާސްކޮށްފައެވެ. ކުޑަކުޑަ އާބާދީއެއް އޮންނަ މިއަވަށުގައި ދިރިއުޅެނީ 249 މީހުންނެވެ.
ލައިޓޮންގެ މީހުން ބުނާގޮތުގައި ފުރަތަމަ އެމީހުންނަށް ފެނުނީ ދުން އަރާތަން ކަމަށާއި އޭގެ އިރުކޮޅެއް ފަހުން ފެނުނީ އަލިފާންގަނޑު ވަރަށް ގަދަޔަށް ފެތުރިގަތްތަނެވެ. ބަލަބަލާ ތިއްބާ 15 މިނެޓްތެރޭ މުޅި އަވަށް ދުމުން ފުރާލި މަންޒަރެވެ. މަންޒަރުދުށް ފަރާތްތަކުން އެޤައުމުގެ މީޑިޔާއަށް މައުލޫމާތު ދިންގޮތުގައި އަލިފާންގަނޑު ފެތުރެމުންދަނީ ވަރަށް ހަލުވިކަމާއެކުގައެވެ.
މިދިޔަ އަންގާރަ ދުވަހު ލައިޓޮންގެ ފިނިހޫނުމިން ހުރީ 49.5 ޑިގްރީގައެވެ. މި އަވަށުގައި އަލިފާން ރޯވީ ޖެހިޖެހިގެން ތިން ދުވަސް ވަންދެން އަވަށުގެ ފިނިހޫނުމިން އެއްދުވަހަށްވުރެ އަނެއްދުވަހު އުފުލެމުން ދިއުމަށްފަހުއެވެ.
މި އަހަރު އެކަނިވެސް ލައިޓޮން ހިމެނޭ ޕްރޮވިންސްގައި 450 އަލިފާނުގެ ހާދިސާ ހިނގާފައިވެއެވެ.
(ބީބީސީ)









