މަސްވެރިކަމަށް ނުކުތުމަށް އެންދަމަން ހުވަދޫއަތޮޅަށްދިޔަ އައްޑޫސިޓީ ހިތަދޫ ’މޯހިރި‘ ނަމަކަށް ކިޔާ ދޯނި މެދުން ބިންދައިގެން ގޮސް ދެބުރި ވަކިވެއްޖެ އެވެ.
އައްޑޫ ސިޓީން ފުރައިގެން 25 މީހުންނާއެކު މަސްވެރިކަން ކުރުމަށް ދަތުރުފެށި ފައިބަރުން ބަނދެފައިވާ ”މޯހިރި“ ދޯނި މެދުން ބިންދައިގެން ގޮސް ދެބުރި ވަކިވެފައިވަނީ ގދ.އަތޮޅުގެ އެތެރެވަރީގައި އެންދަމަން އުޅުމުގެ ތެރޭގަ އެވެ.
މި ހާދިސާހިނގާފައިވަނީ ގދ.އަތޮޅު ގެމަނަފުއްޓާއި ކައިރީގައި އޮންނަ ހަނޑަހަ ކައިރިން ކަމަށްވެސް ’ފެންވަރު އޮންލައިން‘ އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެމްއެންޑީއެފްއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 7:11 ހާއިރުކަމުގައެވެ. އަދި. ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިދޯނި ބިންދައިގެން ގޮސްފައިވަނީ ގއ. ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް ބޭރުން ކަމުގައެވެ.

މޯހިރި ބިންދައިގެން ދިޔަ ޚަބަރު ލިބުމާއިއެކު އެސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ހުރިހައި ދޯނިފަހަރު މޯހިރިއަށް އެހީތެރިވުމަށް އެސަރަހައްދަށް ދިއުމަސް ވަނީ ދަތުރުފަށަފައެވެ.
އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮސްޓްގާޑް ސްކޮޑަރުންވެސް ގެންދަވަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މޯހިރި ދޯނި ބިނަދައިގެން ދިޔައިރު އެދޯނީގައި 25 މީހުން ތިބިކަމުގައެވެ.
މިމޫސުމުގައި ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ވިދާޅުވެފައެވެ.













