މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ”ރޯޔަލް ހުސެން ތަކުރު“ގެ ނަމުގައި އަސްލުނޫން ޓްވިޓާ އެކައުންޓެއް ހަދައިގެން އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ޓްވީޓް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވިނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ކުރިން އެމް.ޑީ.ޕީއަށް ނިސްބަތްވި މުޙައްމަދު އިނާދު ނަމަކަށްކިޔާ މީހެކެވެ. މިމީހާގެ އަމަލު ކުށްވެރިކޮށް އެމް.ޑީ.ޕީއިން ރޭގައި ވަނީ ބަޔާނެއް ނެރެ، އެޕާޓީއިން އެމީހާ ވަކިކުރިކަން ވެސް އަންގާފައެވެ.
ރޯޔަލް ހުސެން ތަކުރުގެ ޓްވީޓްގައި ބުނެފައި ވަނީ، އިންޑިއަން ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ އާރް.ޑީ.އެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.
މިމީހާގެ އިންޒާރަށް ފަހު ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ އިންޑިއަން ހައިކޮމިޝަންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.









