ނައިޖީރިއާގެ ކަޑޫނާ ސްޓޭޓްގައި ހުންނަ ބޯޑިންގ ސްކޫލަކަށް ހަތިޔާރާއެކު ވަދެ 140 ދަރިވަރުން ވަގަށް ނަގައިފިއެވެ.
ނައިޖީރިއާ ފުލުހުން ބުނެފައި ވަނީ، ހަތިޔާރާއެކު ކަޑޫނާގައި ހުންނަ ބެތެލް ބެޕްޓިސްޓް ހައިސްކޫލަށް މީހުން ވަދެ ކުދިން ވަގަށް ގެންދިޔައީ ކަމަށާއި އަދި އަސްކަރިއްޔާގެ އެއްބާރުލުމާއެކު ކިޔަވާކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގައެވެ.
މިއީ ފާއިތުވި ޑިސެމްބަރުން ފެށިގެން އެސަރަހައްދުގައި ކުދިން ވަގަށްނަގައި ރަހީނުކުރި 10 ވަނަފަހަރެވެ. މީގެ ކުރިންވެސް ފައިސާ ހޯދުމަށް އެސަރަހައްދުގެ ސްކޫލްތަކުން ކުދިން ވަނީ ވަގަށް ނަގާ ރަހީނުކޮށްފައެވެ.
ބޭރުގެ ނޫހެއް ކަމުގައިވާ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހާދިސާއާއި ބެހޭގޮތުން ފުލުހުން ދިން ބަޔާނެއްގައި ބުނެފައިވަނީ، ސްކޫލް ބަލަހައްޓާ ސެކިއުރިޓީ ގާޑަށް ހަމަލާދީ ބަލިކުރުމަށް ފަހު ސްކޫލްގައި ކުދިން ދިރިއުޅޭ ސަރަހައްދަށް ހަމަލާދިން މީހުން ވަދެގަތީ ކަމަށާއި އަދި އެތަނުން ބައެއް ޓީޗަރުންނާއި އެކު ކިޔަވާ ކުދިންތަކެއް ގޮވައިގެން ޖަންގަލިތެރެއަށް ވަދެ ފިލީ ކަމަށެވެ. އެހެންނަމަވެސް ކުދިން ސަލާމަތް ކުރުމަށް މިހާތަނަށް ކުރި މަސައްކަތުން ބައެއް ޓީޗަރުންނާއެކު ޖުމްލަ 26 މީހުން ސަލާމަތް ކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ސްކޫލްގެ އެއް ފައުންޑަރު ރެވެރެންޑް ޖޯން ހަޔާބް ރޮއިޓާސްއަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ، ހަމަލާދިން މީހުންގެ އަތްދަށުން 25 ކުދިން ފިލައިގެން ސަލާމަތް ވެފައިވާ ކަމަށެވެ.
އެސްކޫލްގައި 180 ދަރިވަރުން ކިޔަވައެވެ. އޭގެތެރޭގައި ރެވެރެންޑް ހަޔާބްގެ 17 އަހަރުގެ ފިރިހެން ދަރިފުޅުވެސް ހިމެނެއެވެ. އޭނާ ވަނީ ހަމަލާދިން މީހުންގެ އަތްދަށުން ސަލާމަތް ވެފައެވެ.









