Search Streamline Icon: https://streamlinehq.com

ލޯބި ވިޔަކަސް-04

Loabi viyakas

އިޚްތިޔާރަކާނުލާ ނަދާއަށް ރޮވުނެވެ.

ސަމާއޮތްހާލު ފެނިފައި ނަދާގެ ހިތަށް ކެތްނުވިއެވެ. ބިންމަތީގައި ހުރި ސަމާގެ ހެދުންތައް ނަގާ ހެދުން ލައްވައިގެން ސަމާ ގޮވައިގެން ދިޔައީ ހޮސްޕިޓަލަށެވެ. ނަދާ ޔާންއަށް ގުޅާފައި ހޮސްޕިޓަލަށް އައިސްދިނުމަށް އެދުނެވެ. ޔާން ތެޅިފޮޅެމުން ހޮސްޕިޓަލަށް ދިޔައިރު ނަދާ ހުރީ އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރު ކައިރީގައެވެ.

”ސަމާ ކޮބާ. ކިހިނެއްވީ އޭނައަށް؟“ ޔާން މާނޭވާ ލަމުން އަހާލިއެވެ.

”އެތެރޭގަ ވީ. ޑޮކްޓަރުން އެބަތިބި އެތެރޭގަ. ނޭގެ ވީ ގޮތެއް އަހަރެން ގެޔަށް ދިޔައިރު ދޮންތި އޮތީ ވެއްޓިފަ. ދެން އަހަރެން މިއައީ ދޮންތި ގޮވައިގެން ހޮސްޕިޓަލަށް.“ ނަދާއަށް ހަޤީގަތް އެގުނު ނަމަވެސް ޔާން ކައިރީގައި ބުނަން ބޭނުން ނުވީއެވެ.

”ޕެޝަންޓުގެ ހާލު ވަރަށް ދެރަ. މީ ޕޮލިސް ކޭސްއެއް. އަހަރެމެން މިހާރު ޕޮލިހަށް ގުޅައިފިން.“ އަވަސް ފަރުވާދޭ ކޮޓަރިން ނުކުތް ޑޮކްޓަރަކު ނަދާ ކައިރީ ބުނެލިއެވެ.

ޔާން ހުރީ ވާނުވާ ނޭގިފައެވެ.

”ކިހިނެއް ޕޮލިސް ކޭސްއަކަށްވީ. ސަމާއަށް ކިހިނެއްވީތަ؟“ ޔާން ޑޮކްޓަރު ކައިރިން އަހާލިއެވެ.

”ޕޭޝަންޓަށް ވަނީ ވަރަށް އަނިޔާކޮށްފަ. ތީ ޕޭޝަންޓް ފިރިމީހާތަ؟“ ޑޮކްޓަރު އަހާލިއެވެ.

ޔާންއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ދެތިން ފުލުހުން އެތަނަށް އައެވެ.

ޑޮކްޓަރު ފުލުހުން ގޮވައިގެން އެތެރެޔަށް ވަނުމުން ޔާން ސުވާލުގެ ނަޒަރަކުން ނަދާއަށް ބަލާލިއެވެ.

”އަހަރެން ބޭރުގައި އުޅެފައި ގެޔަށް ދިޔައިރު ދޮންތި އޮތީ ކޮޓަރިތެރޭގައި ހޭނެތިފަ. ދޮންތިބެ ދޮންތިއަށް ..“ ނަދާ މިހެން ބުނުމުން ޔާންއަށް ރޮވުނެވެ. ސަމާއަށް އެފަދަ އަނިޔާއެއް ދިން މީހަކު ދުނިޔެއިން ނެތިކޮށްލާނަމޭ ހިތަށް އެރިއެވެ.

”ކަލޭ މިތާ ކީއްކުރަނީ!“ ނިހާދުގެ އަޑުއިވުމުން ޔާންގެ ލޭ ކެކި އަރައިގަތެވެ.

”ސަމާއަށް ކަމެއް ވެއްޖިއްޔާ އަހަރެން ކަލޭ ދުނިޔެއަކު ނުބަހައްޓާނަން. ކަލޭ މަރާލާފަ އަހަރެން ދާނީ ޖަލަށް.“ ނިހާދުގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރެ ޔާން ބުނެލިއެވެ.

ޔާން ރުޅިގަދަވެފައި ހުރުމުން ނިހާދު ޖެހިލުންވެސް ވިއެވެ. އެހެންނަމަވެސް ގަދަދައްކާލުމުގެ ގޮތުން ޔާން ދުރަށް ކޮއްޕާލިއެވެ.

”ޚަބަރުދާރު ގައިގަ އަތްނުލާތި. އަހަރެން މީ ސަމާގެ ފިރިމީހާ. އަހަރެން ބޭނުން ގޮތަކަށް ހަދާނަން ސަމާއަށް. ކަލެއަކަށް އެއްވެސް ކަމެއް ނުވާނެ. ކަލޭ ޖެހޭނީ މަންޒަރު ބަލަން ދުރުގަ ހުންނަން. އޮންނާނީ އަނިޔާވެސްކޮށްފަ، ރޭޕްވެސް ކޮށްފަ އެހެން  ކަންތައްވެސް ކޮށްފަ.“ ފުލުހުން އެތެރޭގައި ތިބި ކަމެއް ނޭގޭތީ ނިހާދު މޭފުއްޕާފަ ވާހަކަދައްކަމުން ދިޔައެވެ.

ނަދާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ނިހާދު ސަމާއަށް އެހެން ހަދާނެ ކަމަކަށް ނަދާ ގަބޫލުވެސް ނުކުރެއެވެ.

”އަދި އެގޭތަ. އަހަރެން މިއަދު އޭނަ ރޭޕްކުރިން ތިން ފަހަރު. އެވެސް އަހަރެން ބޭނުން ގޮތަކަށް.“ ޔާންގެ ކަންފަތް ދޮށުގައި ނިހާދު މިހެން ބުނެފައި ހޭންފެށިއެވެ.

ޔާން އައި ރުޅީގައި ދެލޯމަރާލާފައި ނިހާދުގެ ގައިގައި ޖަހަން އަތްނެގިތަނުން އަވަސްފަރުވާދޭ ކޮޓަރިތެރެއިން ފުލުހުން ނުކުމެ ޔާން ހިފެހެއްޓިއެވެ.

”މައިތިރިވޭ. މީ ހޮސްޕިޓަލެއް. މުހައްމަދު ނިހާދު މިއަދުގެ ވަގުތެއްގައި އައިޝަތު ސަމާ ރޭޕްކުރުމަށްފަހު ޖިސްމާނީ ގޮތުން ގިނަ އަނިޔާތަކެއް ކޮށްފައިވާކަމަށް އައިޝަތު ސަމާ ބަޔާންދީފައިވާތީ، ގދ.ތިނަދޫ، ކަސްތޫރިމާގެ މުހައްމަދު ނިހާދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން.“ ފުލުހުން މިހެންބުނެ ނިހާދުގެ އަތުގައި ބިޑިއަޅުވާލިއެވެ.

”އެއީ ދޮގެއް. އަހަރެން ސަމާ ރޭޕްނުކުރަން އަދި އަނިޔާއެއްވެސް ނުކުރަން. އެއީ އަހަރެންގެ އަނބިމީހާއޭ. އަހަރެން ކީއްކުރަން އޭނައަށް އަނިޔާކުރަންވީ. އަހަރެން ވަރަށް ލޯބިވޭ ސަމާދެކެ. އަހަރެމެން އުޅެނީވެސް ވަރަށް ލޯބިން. ނަދާ ކޮއްކޮ ބުނެބަ މިމީހުން ކައިރީ. އަހަރެން ސަމާއަށް އަނިޔާ ކުރާނެތަ؟“ ނިހާދު ރޮމުން ވާހަކަދެއްކިއެވެ.

“ އަހަރެން މީ އައި ވިޓްނަސްއެއް. އަހަރެން ދެކުނިން ދޮންތިބެ ދޮންތިއަށް އަނިޔާ ކުރަނިކޮށް. އެތައް ދުވަހަކު އަނިޔާ ކުރިކަން އަހަންނަށް އެގޭ. އަހަންނަށް އަޑުއިވޭ ދޮންތި ރޯއަޑު. އަހަންނަށް ފެނޭ ދޮންތިއަށް އަނިޔާކޮށްފަ ހުންނަތަން.“ ނަދާއަށް ރޮވުނެވެ.

ފުލުހުން ނިހާދު ހައްޔަރުކޮށްގެން ގެންދިޔައެވެ.

ޑޮކްޓަރުން ނުކުތުމުން ޔާން އާއި ނަދާ އެތެރެޔަށް ވަންނަން ހުއްދަ ދިނެވެ. ޔާންއަށް ސަމާފެނުމުން ވީ ގޮތެއްވެސް ނޭގުނެވެ. ދުވެފަގޮސް ސަމާގެ ގައިގައި ބައްދައިގަތެވެ. ސަމާ މަޑުމަޑުން ލޯހުޅުވާލިއެވެ. ޔާން ފެނުމުން ހިނިތުންވެލިއެވެ.

”ޔާން. އަހަރެން..“ ސަމާ ވާހަކަ ދައްކަން އުޅުމުން ޔާން ސަމާ ހުއްޓުވިއެވެ.

”ސަމާ. މިވަގުތު ވާހަކަ ނުދައްކާ. އަހަންނަށް ހުރިހާ ކަމެއް އެގިއްޖެ. އަހަރެން މިހިރީ ސަމާ ކައިރީގައި. ދެން އެއްވެސް މީހަކަށް ސަމާއާ ހަމަޔަށް އާދެވޭނީ އަހަރެން މަރާލާފަ. އެއީ ސަމާގެ ފިރިމީހާއަށް ވިޔަސް ދެން ސަމާގެ ގައިގަ އިނގިލިކުރި ޖައްސާލިޔަސް ނިމުނީ. އަހަރެން އޭނަ މަރާލާނަން. ސަމާއަށް ތިވަރު ބޮޑު އަނިޔާއެއް ދިން މީހަކު ދުނިޔޭގަ ނުބަހައްޓާނަން.“ ޔާން ރޮމުން ވާހަކަދެއްކިއެވެ.

ސަމާއަށްވެސް ރޮވެނީއެވެ.

”ދޮންތީ! އަހަންނަށް މާފްކުރޭ. ދޮންތިއަށް ތިވަރު ބޮޑު އަނިޔާއެއް ތިލިބުނީ އަހަންނާހެދި.“ ނަދާ ސަމާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

”ކޮއްކޯ! މީގަ ކޮއްކޮގެ އެއްވެސް ކުށެއް ނެތް. ދޮންތިބެ ދިޔައީ އަހަރެމެންނަށް ފާރަލަމުން. އޭނައަށް އެގޭ ހޮސްޕިޓަލްތެރެއިން އަހަންނާ ޔާންއާ ބައްދަލުވިކަންވެސް، ކޮއްކޮއާ އެކީ ސެލޫނަށް ގޮސް ޔާންއަށް ގުޅިކަންވެސް އެގޭ. އޭނަގެ ރައްޓެހިން ލައްވާ އަހަންނަށް..“ ސަމާއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ.

”ދެން ވާހަކަ ނުދައްކާ މަޑުމަޑުން އޮވެބަ. އަހަންނަށް އެގޭ ތިހުރިހާ ކަމެއް. އަހަރެންވެސް ދިޔައީ ތިހުރިހާ ކަމެއް ބަލަމުން. އެނިހާދުއަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހެއްކަންވެސް އަހަންނަށް އެގޭ.“ ޔާން މިހެން ބުނުމުން ނަދާ ހައިރާންކަމާއެކު ޔާންގެ މޫނަށް ބަލާލިއެވެ. ނިހާދުއަކީ އެކަހަލަ މީހެއް ކަމަށް ދުވަހަކުވެސް އެއާއިލާގެ މީހަކުވެސް ހީނުކުރެއެވެ.

”ސުބުހާނަﷲ. ތީހަމަ ތެދެއް؟“ ނަދާ އަހާލިއެވެ.

”އާ ކޮއްކޯ! އޭނަ ހަމައެކަނި ވިއްކަނީކީ ނޫން. ބޯންވެސް ބޯ. އޭނަގެ ރައްޓެހިން ގެޔަށް ގެނެސްގެން ޕާޓީވެސް ކުރޭ. ކޮއްކޮ ހުންނާތީ އޭނަ ރަނގަޅުކަމަށް ހެދިގެން ހުންނަނީ.“ ސަމާ ބުނެލިއެވެ.

”ޕޭޝަންޓު އެކްސްރޭ ނަގަން ގެންދަން މިއައީ.“ ނަރުސް ކުއްޖަކު އެހެން ބުނުމުން ޔާން ދުރަށް ޖެހިލިއެވެ. ނަދާ އާއި ނަރުސް ކުއްޖަކާ ދެމީހުން ވެގެން ސަމާ ނަގަން އުޅުމުން ސަމާއަށް ކޮޅަށް ނުތެދުވެވުނެވެ. ބަލަހައްޓައިގެން ނުހުރެވިގެން ޔާން އައިސް އޭނަގެ ދެއަތްމައްޗަށް ސަމާ ނެގިއެވެ.

ސަމާ ޔާންގެ މޫނަށް ބަލާލާފައި ހީލިއެވެ. ޒަމާނަކަށްފަހު ރައްކާތެރި އަތެއްގެ ހިޔާ ލިބިގެންދިޔަކަމުގެ އިހުސާސްވިއެވެ.

ޔާން ސަމާ ނަގާ ވީލްޗެޔާގައި ބޭންދިއެވެ. ޔާން ސަމާދެކެ ލޯބިވާ ވަރު ފެނިފައި ނަދާގެ ލޮލުންވެސް ކަރުނަ ހިލިގެންދިޔައެވެ.

އެރޭ ސަމާ ކައިރީގައި ހޮސްޕިޓަލުގައި ހޭލާހުރީވެސް ޔާންއެވެ. ސަމާ ހޮސްޕިޓަލަށް ގެނެވުނު ފަހުން ޔާން ގެޔަށް ނޮގޮސް ހުންނަނީ ސަމާ ކައިރީގައެވެ.

ޖެހިގެން އައި ދުވަހު ސަމާގެ މަންމަޔާއި ބައްޕަ މާލެ އައެވެ. ސަމާއާ ދޭތެރޭ ނިހާދު ކަންތައް ކުރި ގޮތުގެ ވާހަކަ އަދި ޔާންގެ ވާހަކަ ނަދާ ވަނީ މަންމަޔާއި ބައްޕަ ކައިރީގައި ދައްކާފައެވެ. އެހެންކަމުން މަންމަޔާއި ބައްޕަ ޔާންދެކެ ވަރަށް ހިތްހަމަ ޖެހުނެވެ. އަދި އެދެކުދިންގެ ލޯތްބަށް ދެކޮޅުހެދުނީތީ އެކަމާ ވަރަށް ދެރަވެ ބައްޕަ ވަނީ ޔާންގެ ކިބައިން މާފަށްވެސް އެދިފައެވެ.

ހަފްތާއެއް ވަންދެން ސަމާ ހޮސްޕިޓަލުގައި އޮތްއިރު ސަމާގެ ހުރިހާ ކަމެއް ބެލެހެއްޓީ ޔާންއެވެ. ކޮންމެ ރެޔަކު ސަމާ ކައިރީގައި ހޭލާ އިންނަނީވެސް ޔާންއެވެ. ޔާންގެ ލޯތްބާ އަޅާލުން ލިބެމުން ދާތީ ސަމާގެ ހާލު ދިޔައީ ދުވަހެއް ދުވަހެއް ރަނގަޅުވަމުންނެވެ. ނިހާދުގެ ފަރާތުން ސަމާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ސަމާއަށް ދަރިން ލިބުމުގައި ދަތިތަކެއް ހުރެދާނެ ކަމަށް ޑޮކްޓަރުން އޮތީ ބުނެފައެވެ. އެހެންނަމަވެސް އެއީކީ ޔާންއަށް މާބޮޑު ކަމަކަށް ނުވިއެވެ.

ސަމާގެ މަންމަޔާއި ބައްޕަ ބޭނުންވީ ސަމާ ނިހާދު ކައިރިން ވަރިވާށެވެ. ސަމާ ވަރިވާން ފޯމްލިކަން ނިހާދުއަށް އެގުމުން ނިހާދުގެ ލޭ ކެކިގަތެވެ. ޔާންއަށް ލަޑެއް ދޭނަމޭ ހިތާ ރޭވުންތަކެއް ރާވަމުންދިޔައެވެ. ޖަލުގައި އޮވެގެންވެސް ވިސްނަމުން ދިޔައީ ޔާން އާއި ސަމާ ދުރުކޮށްލާށެވެ. އެގޮތުން ޖަލުގައި ހުރި އޭނަގެ ރައްޓެއްސެއް މެދުވެރިކޮށް ފޯނެއް އަތުގައި ޖެއްސިއެވެ. މާލެތެރޭގައި އުޅޭ ނިހާދުގެ އެކުވެރިން، ގުރޫޕް މީހުން މަދެއް ނޫނެވެ. އެހެންކަމުން ހުރިހާ ކަމެއްވެސް ރޭވިގެން ދިޔައީ ނިހާދު ބޭނުންވި ގޮތަށެވެ.

ސަމާގެ ހާލު ރަނގަޅުވެ ގެޔަށް ދޫކޮށްލެވުނެވެ. ސަމާގެ ކޯސް ނިމެންދެން ސަމާ ކައިރީގައި މަޑުކުރާ ގޮތަށް ސަމާގެ ބައްޕަ އާއި ނަދާ ނިންމިއެވެ. މަންމަ ރަށަށް ފޮނުވާލީ ރަށުގައިވެސް ކިޔަވާ ކުޑަކުދިން ތިބީމައެވެ. އެކުދިންނަށް މަންމަ ބޭނުންވާނެތީއެވެ. ސަމާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިޔައީ ނަދާއެވެ. އަދި ސަމާ ފިޓްވަންދެން ކޯހުގެ ކިޔެވުންވެސް ކުރިޔަށް ގެންދެވުނީ އޮންލައިންކޮށެވެ.

އާދައިގެ މަތިން ދުވަހެކެވެ. ސަމާ އިނީ ޓީވީ ބަލާށެވެ. ބައްޕަ ދިޔައީ މާރުކޭޓަށެވެ. ނަދާ ދިޔައީ ކައިރީގައި ހުރި ފިހާރައަށް ސައިބޯނެ އެއްޗެހި ގަންނާށެވެ. ކުއްލިއަކަށް ދޮރުގައި މީހަކު ޓަކި ޖެހިއެވެ. ސަމާ ހީކުރީ ނަދާ ހަދާންނެތިގެން ތަޅުދަނޑި ބާއްވާފައި ދިޔައީ ކަމަށެވެ. ދޮރު ހުޅުވާނީބާއޭ ހިތާ ދެހިޔާލުގައިހުރެ ސޯފާއިން ތެދުވިއެވެ. ގޭގައި އެކަނި އުޅޭއިރު މީހަކު ޓަކިދިނަސް ދޮރު ނުހުޅުވަން ޔާން އޮތީ ސަމާއަށް އަންގާފައެވެ.

”ކާކު؟“ ސަމާ އަހާލިއެވެ.

”ޑެލިވެރީ ބޯއި!“

ސަމާ މަޑުމަޑުން ދޮރުގެ ތަޅު ހުޅުވާލިއެވެ. އެއާއެކު ދޮރު ކޮއްޕާލާފައި ދެމީހަކު އެތެރެޔަށް ދެމިގަތެވެ.

(ނުނިމޭ)

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *