ރާއްޖޭގައި މިހާތަނަށް 74،585 މީހުން ކޮވިޑް19 އަށް ފައްސިވެފައިވާ ކަމަށް އެޗް.ޕީ.އޭއިން މިރޭ ނެރުނު ހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ރާއްޖޭގެ ކޮވިޑް ހާލަތު ހާމަކުރުމަށް ކޮންމެ ރެއަކުވެސް ނެރޭ ހިސާބުތަކުގައި މިރޭގެ ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި 4200 ސާމްޕަލް ނަގާފައިވާއިރު މުޅި ރާއްޖެއިން ފައްސިވެފައި ވަނި ޖުމްލަ 105 މީހުންނެވެ. އެއީ ގްރޭޓަރ މާލެ އޭރިއާއިން 23 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން 74 މީހުންނެވެ. އަދި މިހާރު ހިންގަމުންދާ ރިސޯޓުތަކުން 7 މީހަކު ފައްސިވެފައިވާއިރު އިންޑަސްޓްރިއަލް ރަށްތަކުން ފައްސިވެފައި ވަނި އެންމެ މީހެކެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 3148 މީހުން ތިބިއިރު 25 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާކަމަށް ވެސް އެޗް.ޕީ.އޭގެ ހިސާބުތަކުން ދައްކައެވެ.
މުޅި ރާއްޖެއިން މިހާތަނަށް ޖުމްލަ 74585 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން 71،212 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 213 މީހުންނެވެ.










