ޒިކާ ވައިރަސްގެ ވޭދަނަތަކެއް އިންޑިޔާގެ ޓްރިވެންޑްރަމްގެ އިތުރުން ކެރެލާއިންވެސް ވޭދަނައެއް މިވަނީ ފެނިފައެވެ. އެހެންކަމުން އިންޑިޔާގެ އަވަށެއް ކަމަށްވާ ކެރެލާގެ ހުރިހާ ޑިސްޓްރިކްޓެއް ސަމާލުކަމަށް ގެނެސްފިއެވެ.
އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކުރާގޮތުގައި ޒިކާ ވައިރަސްގެ 14 ވޭދަނައެއް ފެނިފައިވާއިރު ކެރެލާއިން 1 ވޭދަނަ ފެނިފައިވާކަމަށް ކެރެލާގެ ސްޓޭޓް ހެލްތު މިނިސްޓަރ ވަނީ ކަށަވަރުކޮށްދީފައެވެ.
2016 އަދި 2017 ވަނަ އަހަރު އިންޑިޔާގެ ގުޖުރާތު ސްޓޭޓްއިން މިވައިރަސްވަނީ ފެނިފައެވެ. މިފަހަރު ޓްރިވެންޑްރަމްއިން މިވައިރަސް ފެނިފައިވަނީ ސިއްޚީ ޚިދުމަތްތެރިޔެއްގެ ފަރާތުން ކަމަށް އެޤައުމުގެ މީޑިޔާތަކުން ވަނީ ހާމަކޮށްފައެވެ.
ޓްރިވެންޑްރަމްއިން ޒިކާ ވައިރަސްގެ 14ވޭދަނަ ފެނިފައިވާއިރު ކެރެލާއިން އެންމެ ފުރަތަމަ ވޭދަނަ ފެނިފައިވަނީ 24 އަހަރުގެ މާބަނޑު އަންހެނެއްގެ ފަރާތުން ކަމަށާއި، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އަދި އޭނާ ވިހައިފައިވަނީ ވެސް އާންމު ޑެލިވަރީއަކުން ކަމަށާއި އޭނާ އެ ސްޓޭޓުން ބޭރަށް ދަތުރު ކޮށްފައި ނުވާ ކަމަށް މީޑިޔާތަކުގައި ބުނެފައިވެއެވެ.
ޒިކާ ވައިރަހަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަހެކެވެ. އަދި މިވައިރަސްއަކީ ޖިންސީގުޅުމުގެ ސަބަބުން ގައިންގަޔަށް އަރާ ބައްޔެކެވެ. މިވައިރަސްގެ ސަބަބުން ކުޑަކުދިންގެ ސިކުނޑިއަށް ވަރަށް ނޭދެވޭ އަސަރުކުރާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޒިކާ ވައިރަސްގެ ސަބަބުން މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ އޮޓޯއިމިއުން ޑިޒީޒްއަކަށް ވެސް މި ބަލި ޖެހުމުން މަގުފަހިވެއެވެ. އަދި މިއީ މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ވައިރަސްއެކެވެ.
(އިންޑިޔަން އެކްސްޕްރެސް)









