މުލިޔާ ގެޔަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމުން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިޔާގެ ކައިރިޔަށް ފޮށިގަނޑެއް ހިފައިގެންގޮސް އޭގައި ގޮވާ ޒާތުގެ އެއްޗެއް އޮތްކަމަށް ބުނެ ދެމީހަކު ވަނީ މުލިޔާގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައެވެ.
އެހެންކަމުން މުލިޔާގެ ކައިރީ ތިބި ސިފައިން ވަނީ އެދެމީހުން ހައްޔަރުކޮށްފައެވެ. އަދި ވަގުތުން ފުލުހުންނަށް ގުޅައިގެން އެމީހުން ގެންގުޅުނު ފޮށިގަނޑާއި އެމީހުން ބަލައި ފާސްކުރެވުނެވެ.
މިމައްސަލައިގައި ފުލުހުން ވިދާޅުވީ ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށާއި ދޫކޮށްލެވުނީ ފޮށީގައި ބޮމެއް އޮތް ކަމަށް ބުނި މީހާ ކަމަށެވެ.
މިމައްސަލައިގައި ދިވެހި ދެފިރިހެނުން ހައްޔަރުކުރެވުނުއިރު އެކަކު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.









