Search Streamline Icon: https://streamlinehq.com

ތިލަދުންމަތީގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވަނީ

Kulhudhuffushi

ތިލަދުންމަތީގެ ތިންރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހަފްތާގައި ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފި އެވެ. 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކަމށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ. އަދި މިދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 16 ވާ ހުކުރު ދުވަހުން ފެށިގެން 18 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ރައީސުލްޖުމްހޫރިއއްޔާގެ އޮފީހުން ހާމަކުރައްވައެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ރައީސް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއާއި، ކުމުންދޫގެ އިތުރުން ހަނިމާދޫ އަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

ރައީސް އޮފީހުން ހާމަކުރެއްވިގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާއި އެކު، ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ އެވެ. އަދި އޭޕްރީލް މަހުގެ ފަހުކޮޅު ރާއްޖެއަށް ކުރިމަތިވި ކޮވިޑް ރާޅާއި، ގުޅިގެން ރާއްޖޭގެ ގިނަ ރަށްރަށުން ކޮވިޑް ކޭސްތައްފެނި އެތައް ރަށެއްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެވިފަ އެވެ. ނަމަވެސް މިވަގުތު މޮނިޓަރިންގައި އޮތީ 20 ރަށް ކަން ފާހަގަކުރެވެއެވެ. 

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ޒިޔާރްތަކުރައްވާފައެވެ. އަދި ގިނަ ރަށްރަށުގެ ކައުންސިލްތަކާއިވެސް އެމަނިކުފާނު ވަނީ ބައްދަލް ކުރައްވާފައި މަޝްވަރާކުރައްވާފަ އެވެ، އެގޮތުން، ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު އެމަނިކުފާނުވަނީ ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ކަންކޮޅުތަކުން 69 ރަށަކަށް ޒިޔާރަތްކުރައްވާ ފައެވެ.

ކޮވިޑްގެ ފުރަތަމަ ރާޅަށްފަހުވެސް އެމަނިކުފާނު ވަނީ ބައެއް ރަށްރަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، ރަށްރަށަށް ބޭނުންވެފައިވާ ތަރައްޤީގެ މަޝްރޫތަކާއި ގުޅޭގޮތުންނާއި، ރަށްޔިތުންގެ ޙާލަތު ގާތުން ބައްލަވާފައެވެ. 

ރައީސް ޞާލިޙް ފާހަގަވެފައިވަނީ ވެރިކަމައްވަޑައިގެން ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ރަށްރަށެއްގެ ހާލަތު ބެއްލެވި ރައީސެއްގެ ގޮތުގައެވެ. އެގޮތުން ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ސިޔާސަތުތައް ކަނޑައެޅުއްވުމަށްޓަކައި ރައީސް ޞާލީހުވަނީ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާއި އެކު ބާއްވަވާފަ އެވެ. 

Leave a Reply

Your email address will not be published. Required fields are marked *