މި އަހަރުގެ އަޟްހާ އީދު ނަމާދު މާލޭގައި ކުރާނެ ކަމަށާއި ނަމަވެސް ބޮޑު ޖަމާއަތެއް ހަދައިގެން ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރި ނަމަވެސް، މާލެ ސަރަހައްދުގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކުގައި ޢީދު ނަމާދު ކުރާނެ ކަމަށާއި، އަދި މޮނިޓަރިންގައި ނެތް ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ނުކުރަން ނިންމެވީ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ކަމަށާއި، އެގޮތަށް ބޮޑު ޖަމާއަތެއްގައި ނަމާދު ކުރަން ހުއްދަ ދީފި ނަމަ ތޮއްޖެހުން އިތުރުވެ ބަލީގެ ނުރައްކަލަށް ހުށަހެޅުމުގެ ބިރު އޮންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ދިން ލުއިތަކުގެ ތެރޭގައި މިސްކިތްތަށް ހުޅުވައި، އިޖްތިމާއީ ގައިދުރުކަން ބޭއްވުމާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދެއްވާފައެވެ.
ރާއްޖޭގައި ކޮވިޑް19 ކޭސްތައް ފެންނަން ފެށުމުން ފާއިތުވި އަހަރުވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ ހުއްދަ މާލެ ސަރަހައްދަށް ދީފައެއް ނުވެއެވެ. ޢީދު ނަމާދު މިއަހަރު މާލެ ސަރަހައްދުގެ 39 ރަށެއްގައި ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.
މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ ޖުލައި މަހުގެ 20 ވަނަ ދުވަހެވެ.









