އިންޑިޔާއަށް ކޮވިޑް19 ގެ ތިންވަނަ ރާޅެއް އަތުވެދާނެ ކަމުގެ އިންޒާރު އެޤައުމުގެ ޑޮކްޓަރުން ދީފިއެވެ.
ހޯމަދުވަހު އިންޑިއަން މެޑިކަލް އެސޯސިއޭޝަން(އައި.އެމް.އޭ) އިން ސަރުކާރަށް ހުށަހެޅި ބަޔާނުގައި ބުނެފައި ވަނީ، މީހުން ގިނައިން އެއްވެ އުޅޭފަދަ ހަފްލާތައް ބޭއްވުމަށް ހުއްދަ ނުދިނުމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ކޮވިޑްގެ ތިންވަނަ ރާޅެއް އެރުމަކީ ނުވެ ނުދާނެ ކަމެއް ކަމަށްވެސް އެއެސޯސިއޭޝަނުން ބުނެފައިވެއެވެ.
ސަރުކާރާއި އަދި އާންމުންވެސް ކޮވިޑް ޕްރޮޓޮކޯލަށް ތަބާނުވެ އެއްފަހަރާ ގިނަ އަދަދެއްގެ މީހުން އެއްވެ ހަފްލާތައް ބާއްވާތަން ފެނުމަކީ ހިތާމަވެރި މަންޒަރެއް ކަމަށްވެސް އައި.އެމް.އޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ޑޮކްޓަރުންގެ އެސޯސިއޭޝަނުން ބަޔާން ނެރެފައި މިވަނީ ކޮންމެ އަހަރަކު އޮންނަ ހިންދޫންގެ ހަފްލާއެއް ކަމަށްވާ ކަންވާރް ޔާތުރާ ބޭއްވުމާމެދު ސަރުކާރާއި އާންމުންނާ ދެމެދު ވާހަކަތައް ހިނގަމުންދާ ދުވަސްވަރެއްގައެވެ. މިހަފްލާގައި ކޮންމެ އަހަރަކު އެތައް މިލިއަން ހިންދޫންނެއް ފައިމަގުގައި ގޮސް ގަންގާ ކޯރުން ފެން ނަގައިގެން ޝިވާގެ ބުދު ބަހައްޓާފައި ހުންނަ ފައްޅިތަކަށް ގެންދެއެވެ. އެހެންކަމުން މިފަދަ އެއްވުމެއްގައި ކޮވިޑް އަނެއްކާވެސް ފެތުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ޖުލައި މަހުގެ 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާ އުއްތަރު ޕްރަދޭޝްގައި ބޭއްވުމަށް އެންމެ ފުރަތަމަ ހުއްދަ ދިންނަމަވެސް މިހާރު އެހުއްދަ ބާތިލު ކުރަން ޖެހިދާނެ ކަމަށް ވަނީ ބުނެފައެވެ.









