ޤައުމުގެ އިޖްތިމާއީ ކަންތައްތައް ރަނގަޅުކުރުމަށް، ސައިދި އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ފުރަތަރަމަ ފަހަރަށް މަހުރަމަކާނުލާ އަންހެނަކު ހައްޖުގެ އަޅުކަން އަދާކޮށްފިއެވެ.
މި ބަދަލުގެ ދަށުން ހައްޖުކުރި ޕާކިސްތާނުގެ އުމުރުން 35 އަހަރުގެ ބުޝްރާ ޝާހު ބުނީ، ހައްޖުގެ އަޅުކަމަށް މައްކާ އަށް ދިއުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށްވީ މަހްރަމަކާ ނުލައި ހައްޖަށް ދެވޭ ގޮތަށް ބަދަލުކުރުމުން ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން 45 އަހަރުން ދަށުގެ އަންހެނުންނަށް މަހުރަމަކާނުލާ ހައްޖަށް ދަތުރު ނުކުރެވޭ ގޮތަށް އޮތްނަމަވެސް މިހާރު ކޮންމެ އުމުރެއްގެ އަންހެނަކަށްވެސް މަހުރަމަކާނުލާ ހައްޖު ދަތުރުގައި ބައިވެރިވެވޭ ގޮތަށް ސައުދީ ސަރުކާރުންވަނީ ނިންމާފައެވެ.
ސައުދީގެ ހައްޖު މިނިސްޓްރީގެ ހުއްދައިގެ ދަށުން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނީ 60،000 މީހުންނަށެވެ. ހައްޖަށް ދިޔުމުގެ ފުރުސަތު ދެވުނު މީހުންނަކީ ކޮވިޑް ވެކްސިންގެ ދެޑޯޒް ހަމަކޮށްފައިވާ މީހުންކަމަށާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން ފުރިހަމަކޮށްފައިވާކަމަށް ސައުދިއަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެއްވެސް ބައްޔަކަށް ބޭސްކުރާ މީހަކު މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އެމިނިސްޓްރީއާ ހަވާލާދީ އެޤައުމުގެ މީޑިޔާތަކުގައި ހާމަކޮށްފައިވެއެވެ.









