މިއަދު ހަވީރު 4 އިން ރޭގަނޑު 8އަށް މާލޭގެ މަގުތަކުގައި ހިގާފައި އުޅޭގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އަޝްހާއީދާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ނިންމީ މިއަދު ހަވީރު މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި ނުދުއްވާ ފައިމަގުގައި އުޅުމަށެވެ. ހަވީރު 4 އިން ރޭގަނޑު 8އަށް މާލޭ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކަމަށާއި އިމަރޖެންސީ ޙާލަތްތަކުގައި ކޮންމެހެން ދުއްވަންޖެހޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މިނިންމުމަކީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުން ދިގުމުއްދަތަކަށް ގޭތެރޭގައި ބަންދުވެފައި ތިބުމަށްފަހު އީދާއި ގުޅިގެން މީހުން ބޭރުތެރޭ އުޅުމުގައި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ރައްޔިތުން އެދިފައިވާތީ ނިންމި ނިންމުމެއް ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރިއެވެ. އެހެންނަމަވެސް ބޭރުތެރޭގައި އުޅުމުގައި ގައިދުރުކަން އިސްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުން ގިނަ އަދަދެއްގެ ބަޔަކު ދަނީ އީދު ޗުއްޓީއަށް އަތޮޅުތެރެއަށް ދަތުރުކުރަމުންނެވެ.









