ބްލެކް ފަންގަސް ޖެހިގެން އިންޑިޔާއިން 4 ހާހަށްވުރެ ގިނަ މީހުން މަރުވެއްޖެކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
އިންޑިޔާގެ މީޑިޔާތަކުން ހާމަކުރާގޮތުގައި މިބަލި އެންމެ ގަދަޔަށް ފެތުރެމުންދަނީ މަހަރާޝްސްތުރައާއި ގުޖްރާތުގައެވެ. އެ ދެ އަވަށުން 1785 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.
ޔުނިވާސިޓީ އޮފް މެންޗެސްޓާރގެ އެކްސްޕާޓް އިން ފަންގަލް އިންފެކްޝަން ޑރ. ޑޭވިޑް ޑެނިންގ މީޑިޔާތަކަށް މައުލޫމާތުދިން ގޮތުގައި އިންޑިޔާގައި މިބަލި ހަލުވިކަމާއެކު ފެތުރެނީ އެޤައުމުގައި ހަކުރުބަލީގެ މީހުން ގިނަކަމުންނެވެ. ހަކުރު ބަލީގެ މީހުންނަށް މިބަލި ވަރަށް ފަސޭހައިން ޖެހޭކަމަށް ޑރ. ޑޭވިޑް ބުނެފައިވެއެވެ.
އިންޑީޔާގެ އިތުރުން އެހެން ޤައުމުތަކުގައިވެސް ބްލެކް ފަންގަސް ފެތުރެމުންދާކަމަށް މީޑިޔާތަކުގައި ހާމަކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް 38 ޤައުމެއްގައި ”މިއުކޯމައިކޯސިސް“ ނުވަތަ ބްލެކް ފަންގަސް ފެތުރިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެހެންނަމަވެސް އެންމެ ގިނަ ކޭސް ފެނިފައިވަނީ އިންޑިޔާގެ އިތުރުން ޕާކިސްތާނުގައެވެ.
މިބަލި ގިނައިން ޖެހެނީ ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށާއި ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ކަމަށް ބައެއް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.
ބްލެކް ފަންގަސް ޖެހުމުން ލޮލުގެ ފެނުމަށް އަސަރުކޮށް ހަށިގަނޑުގެ ދިފާއީ ބާރުވެސް ދަށްކޮށްލައެވެ. އަދި މި ފަންގަސް ޖެހޭ ލޯ ބައެއްފަަހަރު ނަގާލަންވެސް ޖެހެއެވެ.









