Search Streamline Icon: https://streamlinehq.com

ބީއެމްއެލްއަށް ދެވަނަ ކުއާޓަރގައި 298މިލިއަން ފައިދާ

BML

ދިވެހި ޤައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި 298.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި އެ ބޭންކްއަށް 298.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 106.2 މިލިއަން ރުފިޔާގެ ސާފު ފައިދާއާ އަޅާބަލާއިރު 181 ޕަސެންޓު އިތުރު އަދަދެކެވެ.

ބީއެމްއެލްގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 496.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 38 ޕަސެންޓު އިތުރު އަދަދެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ޖުމުލަ އާމްދަނީވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 42 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކަށް ލިބިފައިވަނީ 785 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 551 މިލިއަން ރުފިޔާ އެވެ.

މި ނަތީޖާ ޙާޞިލް ކުރެވުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް ބީއެމްއެލް އިން ހާމަކުރައްވައެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައި ކަމަށްވެސް ބީއެމްއެލް އިން ހާމަކުރައްވައެވެ.

ދިވެހިރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗާއި، 73 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓް، އަދި 134 އޭޓީއެމް ހުންނަކަމަށްވެސް ދިވެހި ޤައުމީ ބޭންކް އިން ހާމަކުރައްވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *