މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްކްޝަން ކޮމްޕެނީ އެމްޓީސީސީއިން ކުރިއަށް ގެންދާ ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިފައިވާކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.
އެމްޓީސީސީ އިން ހާމަކުރެއްވި ގޮތުގައި ފޯކައިދޫ ބަނދަރު ތަރައްޤިކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ އެވެ.
ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫޢުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއް މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.
ފޯކައިދޫ ބަނދަރު މަޝްރޫޢުގެ ދަށުން 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީއިން ހާމަކުރައްވަ އެވެ.
ފޯކައިދޫ ބަނދަރު ތރަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
އެމްޓީސީސީއާއި ޙަވާލުކޮށްފައިވާ މިމަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 52.7 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.









