ވިލިމާލޭގައި ހަދަމުންދާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް ވިދާޅުވި ގޮތުގައި ވިލިމާލޭގެ ދަނޑުގެ މަސައްކަތް މެއި 6 ވަނަ ދުވަހަށް ނިންމަން ވިދާޅުވެފައިވީ ނަމަވެސް އެތާރީޚަށް މަސައްކަތް ނުނިމުނު ކަމަށާއި އެހެންނަމަވެސް މިހާރު ދަނޑުގައި ޓާފް އަޅައި ނިމިފައިވާކަމަށެވެ.
ބައްސާމް އިތުރަށް ވިދާޅުވީ މުޅިރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ތައާރަފް ކުރުމަށް ފަހު ލީގު މެޗުތައް ކުޅޭނެ އެއް ދަނޑަކީ ވިލިމާލޭގައި އެޅިގެން މިދިޔަ ދަނޑު ކަމަށާއި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭއިރު މާލެ އަށް ނިސްބަތްވާ ޓީމުތަކުގެ ހޯމް މެޗުތައް އެއް ވަގުތެއްގައި ދިމާވެއްޖަ ނަމަ ވިލިމާލޭ ދަނޑުގައި ވެސް މެޗުތައް ކުޅޭނެ ކަމަށެވެ. އަދި އެދަނޑު ބޮޑަށް ބޭނުން ކުރާނީ ކަލްބުތަކުގެ ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްއޭއެމުންވަނީ ރާއްޖޭގައި 20 ދަނޑު އެޅުމަށް ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެތެރެއިން 3 ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އެގޮތުން ވިލިމާލޭގައި އެޅިގެން މިދިޔައީ އޭގެތެރެއިން އެއް ދަނޑެވެ. އަނެއް ދެ ދަނޑު އަޅާން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ގާއިމުކުރާ ގައުމީ ފުޓްބޯޅަ ސްކޫލްގަޔާއި މާފަންނު ސްޓޭޑިއަމްގައެވެ.
މީގެ އިތުރުން ހއ. ކެލާ، ށ. ކޮމަންޑޫ، ބ. ކަމަދޫ، ރ. އިނގުރައިދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް އދ. ދަނގަތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާ ހިމެނޭހެން 16 ދަނޑު އެޅުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.













