ޓޯކިޔޯގައި ކުރިޔަށް ގެންދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ހިމެނޭ އަންހެން ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ސްވިޑްން ބަލިކޮށް ކެނެޑާއިން ރަން މެޑަލް ހޯދައިފިއެވެ.
މިއިވެންޓުގެ ފައިނަލް މެޗުގައި ދެޓީމުންވެސް ދައްކާލީ ފުރިހަމަ ވާދަވެރި ކުޅުމެކެވެ. އެހެންކަމުން މެޗުނިމިގެން އިތުރު ދެހާފް ކުޅުމުންވެސް ނަތީޖާއެއް ނެރެވޭ ގޮތެއް ނުވިއެވެ. ދެޓިމުންވެސް 1-1 ގެ ނަތީޖާއާއެކު ޕެނަލްޓީއާ ހަމައަށް ދަތުރުކޮށް ކެނެޑާ ވަނީ 3-2 ލަޑުން ސްވިޑްން ބަލިކޮށްފައެވެ.
މިމެޗުގައި ސްވިޑްންގެ ކުޅުންތެރިންގެ ކުޅަދާނަކަން ފެނިގެންދިޔައެވެ. އެގޮތުން މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވީނަމަވެސް ކާމިޔާބު ކުރެވޭގޮތް ވީ އެންމެ ހަމަލާއެކެވެ. ސްވިޑްންއިން އުފެއްދި 30 ހަމަލާއިން ގޯލަށް ހަ ހަމަލާ އަމާޒު ކުރެވުނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ސްޓިނާ ބްލެކްސްޓެނިއަސްއެވެ.
ސްވިޑްންގެ ފަސްވަނަ ޕެނަލްޓީ ޖަހަން އެޓީމްގެ ކެޕްޓަން ސެގަރ ދިޔައިރު 2-1އިން ކުރީގައި އޮތީ ސްވިޑްންއެވެ. އަދި ސެގަރ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ނަތީޖާއަކަށްވީ ޑީން ރޯސް ކެނެޑާގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބު ކުރުމެވެ. ސްވިޑްންގެ ހަވަނަ ޕެނަލްޓީވެސް ކާމިޔާބުކުރެވޭ ގޮތެއްނުވީއެވެ. ކެނެޑާ ޓީމުގެ ޖޫލިއާ ގްރޮސޯގެ ޕެނަލްޓީއާއެކު ކެނެޑާއިން ރަންމެޑަލް ހާސިލްކުރުމުގެ އުފާ ކުޅުންތެރިންނާއި ސަޕޯޓަރުން ފާޅުކުރަމުން ދިޔައިރު ސްވިޑްންގެ ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމާއި ނާކާމިޔާބީއެވެ.
ފާއިތުވެދިޔަ ދެ އޮލިމްޕިކް ކުޅިވަރު މުބާރާތުގައިވެސް ސްވިޑްންއަށް ލިބުނީ ރިހި މެޑަލްއެވެ. އެހެންކަމުން މިފަހަރު ރަން މެޑަލް ގެންނާނެކަމުގެ ޔަގީންކަން އެންމެ ފަހު ވަގުތު ބަދަލުވެގެންދިޔައީ މިފަހަރުވެސް ރިހި މެޑަލްއާ އެކީގައެވެ.













