Search Streamline Icon: https://streamlinehq.com

ރައީސް މައުމޫން ޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

MRM

ދިވެހިރާއްޖޭގައި އެއްމެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ރަން ތިރީސް އަހަރުގެ ބާނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންވައިގެން އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުދަ ދުވަހާއި ހަމައަށް އިތުރުކުރައްވައިފި އެވެ.

އެމްއާރުއެމް ގެ ފުރަތަމަ ޤައުމީ ޖަލްސާ އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަދުވަހު ބާއްވަން ނިންމާފައި ވީނަމަވެސް ޕާޓީގެ އިސް މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖަހާއިރަށް ހަމަވެފައިވާއިރު ބައެއް މެމްބަރުން އެ މަޤާމުތަކަށް ޝައުގުވެރިވާތީ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތުވަނީ މިމަހުގެ 23 ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފަ އެވެ.

އެމްއާރުއެމްގެ ފުރަތަމަ ޤައުމީ ޖަލްސާގައި 16 މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު އެޕާޓީން ވަނީ ހުޅުވާލައިފައެވެ.

އެމްއާރުއެމްގެ ޒައީމްގެ ކަމުގެ މަޤާމަށް، ރައީސް މައުމޫން ވަނީ ކުރިމަތި ލައްވާފައިވާއިރު އެމްއާރުއެމްގެ ރައީސް ކަމުގެ މަޤާމަށް ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވަނީ ކުރިމަތި ލައްވާފައެވެ. މީގެ އިތުރުން އެމްއާރުއެމްގެ އިތުރު މަޤާމުތަކަށް ޕާޓީގެ ގިނަ މެމްބަރުން ވަނީ ކުރިމަތިލައްވާފަ އެވެ.

އެމްއެމާރުއެމް އިން ހުޅުވައިލައްވާފއިވާ އިންތިޚާބީ މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ނާއިބް ރައީސްގެ މަޤާމަށް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކަށް ވަނީ ފުރުޞަތު ހުޅުވައިލައްވާފައެވެ.

އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިޚާބު ކުރައްވާނެ އެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ.

އެމްއާރުއެމްގެ އިތުރު މަޤާމުތަކުގެ ތެރޭގައި ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމާއި، ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމާއި، އިތުރު 30 މެންބަރުން ކައުންސިލަށް އިންތިޚާބު ކުރައްވާނެއެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. މީގެ އިތުރުން އަންހެނުންގެ ކައުންސިލްގެ ރައީސް ކަމާއި، ނާއިބު ރައީސް ކަމާއި، އަންހެނުންގެ ކައުންސިލަށްވެސް އިތުރު 20 މެންބަރުން އިންތިޚާބުކުރައްވާނެ އެވެ. އަދި އިންތިޚާބު ކޮމިޓީ އަށާއި، ސުލޫކީ ކޮމިޓީއަށާއި، އިސްތިއުނާފު ކޮމިޓީއަށް 15 މެމްބަރުން އިންތިޚާބު ކުރައްވާނެ އެވެ. އެއީ ކޮންމެ ކޮމިޓީއަކަށް ފަސް މެންބަރުންނެވެ.

ޕީޕީއެމް ދެބައިވުމާއި ގުޅިގެން ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދެއްވާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަދުވަހު އެވެ.

އެމްއާރުއެމްގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމް އިން ބުނީ ކޮވިޑް-19އާއި ގުޅިގެން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ދަތިތަކާއި ކުރިމަތިވެ ލަސްވެފައިވާކަމުގައެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާއެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވާ މުއްދަތު ހަމަވެފައިނުވާކަމަށްވެސް އެމްއާރުއެމް އިން ބުނެއެވެ.

އެމްއާރުއެމްގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ ޤައުމީ ޖަލްސާ އޮންލައިންކޮށް ބޭއްވުމަށެވެ. ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވާ މެންބަރުންގެ ގޮތުގައި 3048 މެންބަރުން މިވަގުތު އެބަތިއްބެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *