Search Streamline Icon: https://streamlinehq.com

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބޭނުންވާ އެންމެހައި ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް: ފައިޞަލް ނަސީމް

Faisal Naseem

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ އެކުދިންނަށް ބޭނުންވާ އެންމެހައި ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިހެން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވަމުންނެ އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ އެކުދިންނަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިއްޔެވެސް މިފަދަ މުހިއްމު އިތުރު ބައްދަލުކުރެއްވުމެއް ކުރިއަށްގެންދަވާފައިވެ އެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކެބިނެޓްގެ ކަމާގުޅުންހުރި ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ވަޒީރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެ މަނިކުފާނު ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓަމުންދާ މަރުކަޒު،  ފިޔަވައްޗަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގައި ތިބި ކުދިންނާއި އެ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުޑަކުދިންގެ ހައްޤުތަކަށް ދެއްވާ ހާއްޞަ ސަމާލުކަން ފާހަގަކުރައްވަމުން، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުތައް ވުޖޫދަށް ގެނައުމުން ފެށިގެން އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދީ އެކުދިންގެ ކަންކަން ގާތުން ބަލައިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހާއްޞަ އިސްކަމެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކީވެސް ރަނގަޅު ކުއްޖެއް ގޮތުގައި މުޖުތަމައަށް ނެރެވޭ ކުއްޖަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *