އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރ ކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ސާފް ޗެމްޕިއަންޝިޕް އުރީދޫއިން ޓައިޓަލް ސްޕޮންސާކަން ނެގުމާއި ގުޅިގެން މިއަހަރުގެ ސާފް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ “އުރީދޫ ސާފް ޗެމްޕިއަންޝިޕް” ގެ ނަމުގަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އަދި އުރީދޫގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އެވެ.
މި ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވީ ފުޓުބޯޅައަކީ ދިވެހިންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެއް ކަމަށާއި، އަދި އުރީދޫއާއިވެސް ވަރަށް ގާތް ކުޅިވަރެއް ކަމުގަ އެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.
“ގައުމީ ފޯރީގައި ބައިވެރިވެ، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި، ފޯރި އާއިއެކު ކުލަގަދަކޮށް މި މުބާރާތް ކުރިއަށް ގެންދިޔުމަށް ކުރެވެންހުރި ހުރިހައިކަމެއް ކުރުމަށް އަޅުގަނޑުމެން މިތިބީ އަތުކުރި އޮޅާލައިގެން.” ނިޔާޒު ވިދާޅުވިއެވެ.
ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން އެމަހުގެ 16 ގެ ނިޔަލަށެވެ. މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.













