އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 އާ ގުޅޭ ޝަކުވާ ހުށައެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އެޕާޓީގެ އެތެރޭގެ އިންތިހާބާއި ގުޅޭ ޝަކުވާ ހުށައެޅުން އަންގާރަ ދުވަހުގެ ރޭގަނޑު 20:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޝަކުވާ ހުށައެޅޭނީ އެކަމަށް ޚާއްސަ ފޯމެއް މެދުވެރިކޮށްކަމަށެވެ.
އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާކަމުގެ ވާހަކަތަށް ގަދަވެފައިވާ ދަނޑިވަޅެއްގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާފައިވާއިރު، އިންތިހާބުގެ ނަތީޖާ އިއުލާން ކުރި ހިސާބުން ކޮންމެ ފެކްޝަނަކުންވެސް ބުނަމުން އަންނަނީ އިންތިހާބުގައި ގިނަވޯޓު ނެގާފައިވަނީ އެ ފެކްޝަނަކަށް ތާއީދު ކުރާ މެންބަރުން ކަމަށެވެ. އެގޮތުން ރައީސް ސޯލިޙް ގެ ފެކްޝަނުން ގަބޫލު ކުރާގޮތުގައި އިންތިހާބު ކާމިޔާބު ކުރީ އެ ފެކްޝަނުންނެވެ. ނަޝީދު ފެކްޝަނުން ބުނަމުންދަނީ އިންތިހާބު ކާމިޔާބު ކުރި ގިނަ ކެންޑިޑޭޓުންނަކީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މެންބަރުންކަމަށެވެ.








