އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފިއެވެ.
އެމަނިކުފާނަށް މި ޝަރަފް އަރުވާފައިވަނީ ރޭ ބޭއްވި ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާގައެވެ.
ރައީސް އޮފީހުން ބުނީ ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވުމަށް ރައީސް ނިންމެވީ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ކަމަށެވެ. އަދި އެ މަގާމަށް އެމަނިކުފާނު ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިޚާބުވެވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އެ މަނިކުފާނު ހޯއްދަވައިދެއްވި ފަޚުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށާ ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ރީތި ނަން ބައިނަލްއަޤްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.

ޢަބްދުﷲ ޝާހިދު، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ޚާރިޖީ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރު ނިމެންދެން، އެ މަގާމުގައި ދެމިހުންނެވިއެވެ.
ޢަބްދުﷲ ޝާހިދުގެ ޚާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ޤައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ، ޗައިނާ، ޖަޕާން، ސަޢޫދީޢަރަބިޔާ، ޔޫ.އޭ.އީ، ބަންގްލަދޭޝް، ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ.









