Search Streamline Icon: https://streamlinehq.com

ނޭޕާލް ފުރަތަމަ ފަހަރަށް ފައިނަލަށް

Bista

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ނޭޕާލުން ހޯދައިފިއެވެ.

މިހާރު ރާއްޖޭގައި ކުރިޔަށްދާ ”އުރީދޫ ސާފްޗެމްޕިއަންޝިޕް“ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރުކޮށްފައިވަނީ މިއަދު ހަވީރު ބަންގްލަދޭޝް އާއި ބައްދަލުކުރި މެޗު އެއްވަރުކޮށްގެންނެވެ.

މިއަދުގެ މެޗަށް ނިކުތްއިރުވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑުކޮށް އޮތީ ނޭޕާލަށެވެ. އެެހެންނަމަވެސް މެޗު ފަށައިގެން ފުރަތަމަ ހާފްގައި ނުވަވަނަ މިނެޓް ގައި ބަންގްލަދޭޝް އިން ލަނޑު ޖަހާ ލީޑް ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ ސުމަން ރިޒާއެވެ. ނަތިޖާ އެއްވަރު ކުރުމަށް މެޗުގެ 14 ވަނަ މިނެޓްގައި ނޭޕާލަށް ހުސްފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ ރޯހިތް ޗާންދަށް  ފޮނުވާލި ބޯޅަ ދިއައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗްގެ ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު އިރު، ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ނޭޕާލުގެ ނަވްޔަންގް ޝެރެސްތާ  އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބަންގްލަދޭޝްގެ އެމްޑީ ސުމަން ރިޒާއަށްވެސް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ ނަތީޖާ 1-0 ން ބަގްލަދޭޝް ކުރީގައި އޮވެގެން ކުޅެމުން ދަނިކޮށް، އެޓީމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ ގޯލްކީޕަރު އަނީސުރް ރަހްމާނަށް ސީދާ ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. އެއީ ނޭޕާލުގެ ކައުންޓަ އެޓޭކެއް ހުއްޓުވުމަށް އޭރިއާ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެން ރެފްރީ ދެއްކި ކާޑެކެވެ.

ނަތީޖާ ނޭޕާލް ކޮޅަށް އެނބުރުނީ ލިބުނު ޕެނެލްޓީއެއް ގޯލްގެ ތެރެއަށް ވައްދާލައިގެން 1-1 ން ނަތީޖާ އެއްވަރުކުރުމުންނެވެ. މިއީ  އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ބިޝްވަނާތު ނޭޕާލްގެ ޖޯޝް އަންޖަން ބިސްޓާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނެލްޓީ ކާމިޔާބު ކޮށް ދިނީ ވެސް އަންޖަން ބިސްޓާ އެވެ.

މި ނަތީޖާ އާއި އެކު ފުރަތަމަ ފަހަރަށް ސާފްޗެމްޕިއަންޝިޕްގެ ފައިނަލުން ނޭޕާލް ޖާގަ ލިބުނީއެވެ.

މިއީ ސާފް ޗެމްފިއަންޝިޕުގެ ތާރީޚުގައި ނޭޕާލް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 1993 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދުމެވެ.

ފައިނަލްގައި ނޭޕާލް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ އިންޑިއާ ރާއްޖެ މެޗަށް ފަހުއެވެ. އެމެޗު އެއްވަރުވެއްޖެނަމަ ފައިނަލަށް ދާނީ ރާއްޖެއެވެ. އިންޑިއާ އަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ސީދާ މޮޅަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި