ކަރަންޓީނުގައި ހުރި މީހަކާއި ޓައިރެކްޓް ކޮންޓެކްޓްވި މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ށ. ފުނަދޫ މޮނިޓަރިންގ އަށް ލައިފިއެވެ.
ފެންވަރު އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ ށ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހެކެވެ. އަދި އޭނާ އާއި ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ހޮސްޕިޓަލްގެ ގިނަ މުވައްޒަފުންތަކެއްވެސް ހިމެނެއެވެ.
ފުނަދޫ މޮނިޓަރިންގ އަށް ލީކަން އަންގާ އެޗްޕީއޭއިން ބުނެފައިވަނީ މޮނިޓަރިންނަށް ލާފައިވަނީ ކޮވިޑް19 އާއި ގުޅިގެން ސިއްހީގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ. އަދި މި ހާލަތުގައި ފުނަދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ރަށަށް އެރުމަކީ މަނާކަމެއްކަމަށެވެ.
މިކަމާއި ގުޅިގެން ފުނަދޫކައުންސިލުންވެސް ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މޮނިޓަރިންގ ހާލަތު އުވާލަންދެން، ކޮންމެހެން ބޭރަށް ނިކުންނަށް ޖެހޭ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، މަސައްކަތުގެ މާހައުލުގައި އާއި ހޮޓާ ރެސްޓޯރެންޓް ފިހާރަތަކުގައިވެސް ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ކުޅިވަރު ކުޅޭ ދަނޑުތައް ބަންދުކޮށް، މީހުން އެއްވާ މައިޒާންތަކަށްވެސް ނުދިއުމަށް ވަނީ އަންގާފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން ހައިރިސްކު މީހުން މިސްކިތައް މިހާލަތުގައި ނުދިއުމަށާ، އެނޫން މީހުން މިސްކިތައް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށްވެސް ފުނަދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ ކޮވިޑް19 ގެ މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ދާކަމަށާ، މި ދަނޑިވަޅުގައި ސިއްޚީ އިދާރާތަކުން އަންގާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، ފަރުދީ ޒިންމާ ނެގުމަށް އިލްތިމާސްކުރާކަމަށެވެ.









