ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ކޮންމެ ދުވަހަކު ޕްލާސްޓިކް ކޮތަޅު ތަކެއްގައި ކުނި ގެންގޮސް ކަނޑަށް އަޅާ މަންޒަރު ފެނުނު މުވައްޒަފަކު އެހުރިހާ ކުނިތައް ނަގައިގެން ގެންގޮސް ރިސޯޓުގެ ރިސެޕްޝަނު މަތީގައި ބެހެއްޓުމުން އޭނާ ވަޒީފާއިން ވަކިކޮށްފިއެވެ.
އެރިސޯޓުގެ ބަދިގެއިންނާއި ރިސޯޓުގައި ހުންނަ ހުރިހާ ކުންޏެއް ޕްލާސްޓިކް ކޮތަޅަށް އަޅާފައި ކޮންމމެ ދުވަހަކުވެސް ކަނޑަށް އުކާލާ މަންޒަރު އަބަދުވެސް ބިލާލަށް ފެނެއެވެ. އެހެންކަމުން ބިލާލުވަނީ އެމައްސަލަ މެނޭޖްމެންޓާ ހަމަޔަށް ގެންގޮސްފައެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށްވެސް އެއްވެސް ހައްލެއް ލިބިފައި ނުވެއެވެ.
އިޤްބާލާއި އޭނައާ އެކީ މަސައްކަތްކުރާ ކުދިންކޮޅަކާއެކީ އެ ކުނިތައް ނަގާފައި ވަނީ 20 މީޓަރާއި 25 މީޓަރު އަޑިން ކަމަށް އިޤްބާލް ވަނީ ބުނެފައެވެ. އެކުނިތައް ހުރީ ރ. އަތޮޅުގެ މަޝްހޫރު ޑައިވް ޕޮއިންޓެއް ކަމަށްވާ ”މާފަރު ކޭވް“ ނަމަކަށް ކިޔާ ޕޮއިންޓެއްގައެވެ.
އެރިސޯޓުގައި ޑައިވަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރާ އިޤްބާލް ބިލާލް ފޭސްބުކްގައި ޖެހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެސަރަހައްދަކީ އެމަރަލްޑް ރިސޯޓުން ފުރައިގެން 10 މިނެޓާއި 15 މިނެޓުން އާދެވޭ ސަރަހައްދެއް ކަމަށާއި ކުނި އެޅުމުގެ ސަބަބުން އެސަރަހައްދުގެ ފަރުތަކުގައި ޕްލާސްޓިކް ކުނި ތާށިވެ ފަރުތަކަށް ގެއްލުން ލިބެމުންދާކަމަށެވެ.
އިގުބާލު ވަނީ ޑައިވިން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ރިސޯޓުތަކުން ކަނޑަށް ކުނި އެޅުވުން ހުއްޓުވާ ރާއްޖޭގެ ކަނޑުތަކާއި އެ ކަނޑުތަކުގައިވާ ދިރުންތައް ސަލާމަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ.









