އަންނަ ހޯމަ ދުވަހު މިނިވަންވޭޖް އިއުލާން ކުރާނެކަމަށް އެކޮނޮމިކް މިނިސްޓީން ބުނެފިއެވެ.
މިނިވަންވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. 2019 ވަނަ އަހަރު މިނިވަންވޭޖް ކަނޑައެޅުމުގެ މަސައްކަތް ފެށި ނަމަވެސް މިހާތަނަށްވެސް ވަނީ އެކަން ނުވެފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިނިވަންވޭޖް ދިނުން އެކޮނޮމިކް މިނިސްޓަރަށް ގާނޫނުން ވާޖިބު ކުރެއެެވެ. މިކަމާއި ގުޅިގެން އާންމުންގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އެކޮނޮމިކް މިނިސްޓްރީން ބައެއް މީޑިއާތަކަށް ބުނެފައިވަނީ ހޯމަ ދުވަހު މިނިވަންވޭޖް އިއުލާން ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާވާނެކަމަށެވެ. ކޮވިޑް ގެ ހާލަތާއި ގުޅިގެން މިނިމަމް ވޭޖް ކަނޑައަޅާއިރު ބަދަލުތަކެއް އަންނާނެ ކަމަށާއި، ހާއްސަކޮށް ލާޖް ކެޓަގަރީއަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މިނިވަންވޭޖް ކަނޑައެޅުމަށް މިނިސްޓަރަށް ލާފާދިނުމަށް ވަނީ މިނިވަންވޭޖް ބޯޑެއް އެކުލަވާލާފައެވެ. މި ބޯޑުގެ ލަފާގެމަތިން މިހާރުވަނީ އެކި ދާއިރާތަކަށް ދޭނެ އުޖޫރަ އާއިމެދު މަޝްވަރާކޮށްފައެވެ. އެގޮތުން މިނިވަންވޭޖް އާއި ގުޅިގެން އެންމެބޮޑު ކަންބޮޑުވުމެއް އޮތް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒިފުންނަށް ދިނުމަށް ނިންމާފައިވާ އެންމެ ބޮޑު މިންވަރަކީ 8،700 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،600ރ. އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން ވަނީ ލަފާދީފައެވެ.
މިނިވަންވޭޖް ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވަ އެވެ.









