މިނިމަމް ވޭޖް ނަވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ، މިއަދު އިއުލާން ކޮށްފިއެވެ.
މިއަދު އިއުލާންކުރި މިނިމަމް ވޭޖް ކަނޑަ އަޅާފައިވަނީ އެކަމަށްޓަކާ އެކުލަވާލެއްވި މިނިމަމްވޭޖް ބޯދުގެ ލަފާގެ މަތިންނެވެ.
ބޯޑުން ލަފާދީފައިވާގޮތަށް ބަލާއިރު ޕްރައިވެޓް ސެކްޓަރ ތަކުގެ އެންމެ ކުޑަ އުޖޫރައަކަށް ލަފާ ދީފައިވަނީ ކުދި ފަންތީގެ ވިޔަފާރިތަކަށް މަހަކު 5،700 ރުފިޔާއެވެ. އެހެން ނަމަވެސް އެ އަދަދުވަނީ 4،500 އަށް ކުޑަކޮށްފައެވެ. އެއީ ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރާގޮތަށެވެ. އަދި ގިނަވެގެން ހަފްތާއަކު މަސައްކަތް ކުރެވޭނީ 48 ގަޑިިރެވެ.
މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރައަކީ މަހެއްގެ މައްޗަށް 7،000 ރުފިޔާ ކަމަށް ނިންމާފައިވާއިރު ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހެއްގެ މައްޗަށް ޖެހޭނީ 8900 ރުފިޔާއެވެ.

މިނިމަމްވޭޖު އިއުލާން ކުރެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ކޯވިޑުގެ ހާލަތުން އަދިވެސް އަރައިނުގަނެވޭތީ ރާއްޖޭގެ އިޤްތިސާދު ކުރިން އޮތް ހާލަަތަށް ދިޔުމަށް 2 އަހަރުވަރު ނަގާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން މިނިމަމް ވޭޖުގެ އަދަދުތައް ކަނޑައެޅުމުގައި އެކަމަށް ބަލާފައިވާނެ ކަމަށެވެ.
ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ މިއަދު އިއުލާންކުރިއިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް ސަރުކާރުންވަނީ މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައެވެ.









