ދޯންޏަކަށް 5 ޓަނު މަސް ކިރުމުގެ ނިންމުން ބަދަލުނުކުރާތީ އެކަމާ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިފްކޯގެ މަސްބަނދަރުތަކުގައި މަސްނުކިރިގެން ދޯނިތައް އިރުއެރީއްސުރެ އިރުއޮއްސެންދެން ކިއުގައި ތިބެންޖެހެއެވެ. އެވަރުންވެސް ބޯޓުން ކިރުވަނީ ދޯންޏަކަށް 5 ޓަނު މަހެވެ. ބާކީ ހުންނަ މަސްކޮޅަށް ހަދާނެ ގޮތެއް ނޭގިގެން އުކާލަން ޖެހޭތީ މަސްވެރިން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަސްވެރިން ބުނާގޮތުގައި މިދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. އެހެންކަމުން ސަރުކާރުން ވެސް މިދުވަސްވަރަށް ތައްޔާރީތަކެއް ވާންޖެހެއެވެ. މަސްވެރިން ބާނާ މަސްކޮޅަށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަން ޖެހެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މަސްވެރިން ބާނާ މަސް ކިރޭނެ ޖާގަ މިފްކޯގައި ނެތުމުން މަސްވެރިންނަށް 2.5 މިލިޔަން ރުފިޔާ ދީފައިވާކަން މަސްވެރިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް މިސަރުކާރުން ވީ ވައުދުތަކާ ޚިލާފަށް މަސް ކިލޯއަކަށް 14 ރުފިޔާވެސް ނުޖެހޭ ކަމަށް މަސްވެރިން ބުނެފައިވެއެވެ.
މަސްކިލޯއަކަށް 35 ރުފިޔާ ހަދައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އެހެންނަމަވެސް މިސަރުކާރުގެ ފުރަތަމަ ތިން އަހަރު ފާއިތުވެގެން ދިޔައިރުވެސް އެވައުދުތައް ފުއްދިފައިނުވާތީ މަސްވެރިން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ބައެއް މަސްވެރިން ހާމަކުރިގޮތުގައި އެމީހުންނަށް ދީފައިވާ މަސްވެރިޔާ ކާޑަކީވެސް ބޭކާރު އެއްޗެކެވެ. އެއިން މަސްވެރި އާއިލާތަކަށްވާ އެއްވެސް ފައިދާއެއް ނެތެވެ.









