Search Streamline Icon: https://streamlinehq.com

އޮންލައިން ޓްރޭޑް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ނޫން: އަލްހާން

Alhan fahumee

އޮންލައިން ޓްރޭޑް ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ނޫން ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާންގެ ކުންފުންޏަކީ ބޮޑު ފްރޯޑެއް ކަމަށް ބުނެ އެކުންފުނީގެ އެކައުންޓް ވަނީ ފްރީޒް ކުރެވިފައެވެ. އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނަށް އަމާޒުކޮށް އަލްހާން ވިދާޅުވީ ޒަމާނީ ވިޔަފާރި ނޭނގޭ ބަޔަކު ޤައުމުގެ ބޮޑެތި މުއައްސަސާތަކަ ހަވާލުވެ، ނުފޯރާ ފޮތިން ފޫގަޅަނީ ކަމަށެވެ.

ފްރީޒްކޮށްފައިވަނީ އަލްހާން ފަހުމީގެ ”ކިންގްސް ފޮރެކްސް ޓްރޭޑިން“ގެ ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓެވެ. އެމްއެމްއޭއިން ބުނާ ގޮތުގައި ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެކުންފުނިން ދަނީ މަކަރާއި ހީލަތުން  ފައިސާ ހޯދަމުންނެވެ. ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގާ ބޮޑު ސްކީމެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އަލްހާންގެ ކުންފުނިން ބުނާގޮތުގައި މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެކުންފުންޏަށް އަމާޒުކޮށް އެކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، އެކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ ގުޑްވިލް ހަލާކުކޮށްލާ، އަގުވައްޓާލައި، އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާނެއްކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އެމްއެމްއޭއިން ރޭ ނެރުނު ބަޔާނުގައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ޢާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކާއި ޓެލެގްރާމްފަދަ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބެމުން އަންނަކަމަށެވެ.

މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، ޢާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *