ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން އަދިވެސް އެބަ ހުރިކަމަށާ، އެގޮތުން އެބައިމީހުންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ޚިތާބް ގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރު ކުރުންކަމަށެވެ. އަދި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުން މުހިންމުކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތަޢުގައި ހުރިކަމަށެެވެ.
ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ޙައްޤު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް ފާހަގަކުރެވޭ. އަދި މި ކަންކަމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ވެސް ޚިލާފު ކަންތައްތައް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް
ރައީސް އިތުރަށް ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ޤާނޫނީ ގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފަށާފައިވާކަމަށާ، ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ޚިދުމަތްތަކުން، މުވައްޒަފުންނަށް ސަރވިސް ޗާޖް ދިނުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވާނެކަމަށެވެ. އަދި މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންކަމާއި މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ޚިޠާބުގައި ވަނީ މި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށާއި މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކާއި، މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.









