ޅ. ނައިފަރަކީ ހިތްހެޔޮ، ނަމޫނާ ބައެއްކަމަށާ، ނައިފަރުގެ ރައްޔިތުންނަށްޓަކައި އަބަދުވެސް ފަޚުރުވެރިވާކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެެވެ.
ޝިޔާމް މިހެން ވިދާޅުވީ އިއްޔެ ފޯކައިދޫ އިން ފުރައިގެން މާލެ ދަތުރުކުރި ”ފުރާގު“ ބޯޓު ފެލިވަރު ފަަރަށް އެރި ހާދިސާގައި އެ ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް ނައިފަރު ރައްޔިތުން ދިން މެޙްމާންދާރީ އާއި ބެހެއްޓެވި އަޙްވަންތަކަމަށެވެ.
ފުރާގު ބޯޓު ފަރަށް އެރުމާއި އެކު އެބޯޓުން ދަތުރުކުރި މީހުން ނައިފަރަށް ގެނައި ވަގުތު ނައިފަރު ރައްޔިތުންވަނީ ބަދަރުމަތިން އެބައިމީހުންނަށް އިންތިޒާމްތައް ހަމަޖައްސާފައެވެ. އަދި ބޯޓު ފުންކުރެވި ދަތުރަށް ތައްޔާރު ވަންދެން ހުރިހާ ދަތުރުވެރިންނަށް އެކަމަޑޭޝަންގެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

މިކަންކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ މާލެ ދަތުރުކުރި ފޯކައިދޫ ފުރާގު ބޯޓު ރޭގެ ވަގުތެއްގައި ފެލިވަރު ކައިރި ފަރަށް އެރުމުން ބޯޓުން ދަތުރުކުރި 130 އަށްވުރެ ގިނަ ދަތުރުވެރިން ކައުންސިލް މެދުވެރިވެ ނައިފަރަށްބާލާ ނައިފަރުގެ ލޮބުވެތި އާއިލާ ތަކުން ދަތުރުވެރިންނާ ހަވާލުވެ ދެއްކެވީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެކަމަށެވެ. އަދި ފަރަށް އެރި ބޯޓު ފުން ކުރުމުގައިވެސް ނައިފަރުގެ މަސްވެރިންނާ އޮޑިވެރިން އެބޭފުޅުންގެ އުޅަނދުފަހަރު ބޭނުންކުރައްވައިގެން ދަންވަރުގެ ވަގުތެއްގައި އަމިއްލަ ކަމެއްގެގޮތުގައި ބަލައި ކުރެއްވީ ވަަރަށް ބޮޑު މަސައްކަތެއްކަމަށެވެ.
ބޯޓުން ދަތުރި ކުރި ވަރަށް ގިނަ ދަތުރުވެެރިންނާ އަޅުގަނޑާވެސް ފޯނުން ވާހަކަ ދައްކާލެވުނު. އެބޭފުޅުން ދެއްކެވީ ކައުންސިލްގެ އިންތިޒާމު ތަކުގެ ފުރިހަމަ ވާހަކަ އާއި ޚާއްސަކޮށް އެބޭފުޅުންނާ ހަވާލުވި އާއިލާތަކުގެ ހިތްހެޔޮކަމާ މެހުމާންދާރީގެ ފުރިހަމަ ކަމުގެ ވާހަކަ. ނައިފަރުގެ ލޮބުވެތި ރައްޔިތުންނަކީ މިފަދަ ކޮންމެ ވަގުތެއްގައި ނަމޫނާ ދައްކަވާ ބައެއް. އަޅުގަނޑު ރަށްރަށަށް ގޮސް އުޅޭއިރު ނައިފަރު ރައްޔިތުންގެ ހިތް ހެޔޮ ކަމާ ފުރިހަމަ މެހުމާންދާރީގެ ވާހަކަ އަކީ އެންމެ ގިނައިން އަޅުގަނޑުގެ ކަންފަތުގައި ޖެހޭ އެއްއަޑު.
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ޝިޔާމް އިތުރަށް ވިދާޅުވީ ރޭގެ ހާދިސާގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އޭނަގެ އަމިއްލަ ނަމުގައި ވަރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރުދަންނަވާކަމަށާ، ނައިފަރުގެ ރައްޔިތުންނަށްޓަކައި އަބަދުވެސް ފަޚުރުވެރިވާކަމަށެވެ. އަދި ﷲ ގެ ހެޔޮރަޙުމަތުގައި ނައިފަރުގެ ރައްޔިތުން ޝާމިލް ކުރެއްވުން އެދި ދުއާކުރައްވާކަމަށެވެ.









