ހަތަރު ވަނަ ދައުރުގެ ކައުންސިލްތަކަށް އެއްއަހަރު ވުން ފާހަގަކުރަމުން ދާއިރު އެންމެ ބޮޑު ހިތާމަ އަކީ މާލެ ސިޓީ ކައުންސިލަށް ބޭނުންވާ ވަރަށް މުވައްޒަފުން ނެގޭނެ އެއްވެސް ގޮތެއް ނުފެނި އެއް އަހަރު ނިންމަންޖެހުން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ ކައުންސިލަތަކަށް އެއް އަހަރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނަރީޝް ވިދާލުވި ކައުންސިލް ކައުންސިލަކަށް ހެދުމަށްޓަކައި އަދި ވަކިން ޚާއްސަކޮށް ދިވެހި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަށް ޚިދުމަތްދޭ މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރު ކޮށްދިނުމަށްޓަކައި އެކަށީގެންވާވަރަށް މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބޭނުންވާކަމަށެވެ. އެހެންނަމަވެސް އޮނިގަނޑުގައިވާ ގޮތަށް މުވައްޒަފުން ނެގޭނެ އެއްވެސް ގޮތެއް އަދާ ހަމައަށް ވެސް ނެތްކަމަށެވެ.
އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތިވި އެއްކަމަކީ އިންސާނީ ވަސީލަތްނެތި މި ކައުންސިލާއި ހަވާލު ވީ އިރު މުވައްޒަފުން ވަރަށްމަދު، ތަކުރާރުކޮށް އެދެމުން ދިޔައިން މުވައްޒަފުން ނެގޭނެ ހަމައެއް ދައްކައިދޭން. މިއަދު އެއް އަހަރު ފާހަގަ ކުރަމުން މިދަނީ އޮނިގަނޑުގައިވާ ގޮތަށް މުވައްޒަފުން ނެގޭނެ އެއްވެސް ގޮތެއް ނުފެނި އެއްއަހަރު ފާހަގަކުރަން ޖެހުން
މާލެސިޓީ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް
ނަރީޝް އިތުރަށް ވިދާޅުވީ މި ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ލިބެންޖެހޭ އެއްބާރުލުން މިއަދާއި ހަމަޔަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބި އޮތުމުން ރައްޔިތުންނަށް ދިނުމަށް އަމާޒު ހިފި ބައެއް ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް އުންމީދުކުރެވެނީ ކުރިއަށް އޮތް އަހަރަކީ މިފަދަ ކަންކަން ހަމަޖެހޭނެ އުސޫލެއް ދައުލަތުގެ މުއައްސަސާތަކުން ދައްކާނެ އަހަރަކަށް ވެގެން ދިއުން ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.









