ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ގެނައުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ހުއްޓުމެއް ނެތްކަމަށާއި، މި މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ކެރިހުރެ ވަރަށް ސާބިތު ކަމާއި އެކުގައިކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ 2023ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ހިމެނޭ ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމުކަމަށް ޕީޕީއެމްގެ ސެނެޓުން ނިންމާފައިވާތީ، ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ރަސްމީކޮށް އަރުވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުރޭ ބޭއްވި ޚާއްޞަ ބޮޑު ޖަލްސާގައެވެ.
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ މިމަސައްކަތަކީ ބުރަ އަދި ހުރަސްތައް ގިނަ މަސައްކަތެއްކަން އެނގިލައްވާ ކަމުގައެވެ. ނަމަވެސް މިމަސައްކަތާއި ކުރިމަތި ލައްވަނީ ދިމާވާ ކޮންމެ ހުރަހެއް ގިރާކޮށް ދިމާވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލައްވައި ވަރަށް ސާބިތު ކަމާއިއެކު، ކެރިހުރެގެން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
“ 2023ގައި މި ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެނައުމަށްޓަކައި މަަސައްކަތްކުރާއިރު ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާ ގިރާކުރަންޖެހުނު ކޮންމެ ހުރަހެއް ގިރާކުރާނީ ޙަސަދަވެރިންނަށް ބެލުމެއްނެތި ވަރަށް ކެރިހުރެ ސާބިތުކަމާއިއެކު. މި މަސައްކަތް ކާމިޔާބުވާނެ.“ އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުންދާއިރު، ރައީސް ޔާމީނަކީ ސަރުކާރަށްވެސް އަދި މިއިންތިޚާބުގައި ވާދަކުރާ އެހެން ކެނޑިޑޭޓުންވެސް އެންމެ ޖެހިލުންވާ ކެނޑިޑޭޓެވެ. ރައީސް ޔާމީނާއި ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައިވެސް އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، ރައީސް ޔާމީނަށް އޮތް ތާއީދަކީ ރާއްޖޭގެ ތަރައްޤީއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ ނުހަނު އަގުހުރި ހަރުދަނާ ބުރަ މަސައްކަތްތަކުގެ ސަބަބުން އޮތް ތާއީދެއްކަަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ ދެންވެސް ރާއްޖެ ތަރައްޤީ ކުރެވޭނީ ރައީސް ޔާމީނަށް ކަމުގައެވެ. އަދި 2023ގައި އޮންނަ ރިޔާސީ އިންތިޚާބް ކާމިޔާބުކޮށް ރައީސް ޔާމީން ވެރިކަމަށް ގެނައުމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮންމެ ދިވެހި ދަރިއަކުވެސް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްކަމަށްވެސް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.
މަސްދަރު:ޚަބަރުއޮންލައިން









