ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާ ބަޙްރައިންގެ ގުޅުން ބަދަހިކުރުމާގުޅޭ 4 އެއްބަސްވުމެއް ބަދަލުކުރައްވައިފިއެވެ. މި އެއްބަސްވުންތައް ބަދަލު ކުރެއްވުމަށް، ބަޙްރައިންގެ އަލް ޤުޟައިބިއްޔާ ޕެލަސްގައި ބޭއްވި ރަސްމިއްޔާތުގައި، ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ ”މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް“ އަކީ، ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެޤައުމުގެ މެދުގައި ޚިޔާލާއި މަޝްވަރާ ބަދަލު ކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.
މީގެ އިތުރުން ބަދަލުކުރެވުނު އަނެއް އެއްބަސްވުމަކީ، ”މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮރ ކޯޕަރޭޝަން އޮން ޑިޕްލޮމެޓިކް ޓްރެއިނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮރމޭޝަން އެންޑް ޑޮކިއުމެންޓޭޝަން“ އެވެ. މިއީ ބަޙްރައިންގެ މުޙައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކެޑަމީ ފޯރ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ދެމެދު ވެނުނު އެއްބަސްވުމެކެވެ.
ތިންވަނަ އެއްބަސްވުމަކީ، ”މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް“ އެވެ. މިއީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.
މީގެ އިތުރުން ”މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކްލައިމެޓް ޗޭންޖް“، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްވެސް ބަދަލު ކުރައްވާފައެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން، ”މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް“ ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް އެވެ. އެހެން އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ.
މި ރަސްމިއްޔާތުގައި އިތުރު ދެ އެއްބަސްވުމެއް ވެސް ވަނީ އިޢުލާނު ކުރައްވާފަ އެވެ. ފުރަތަމަ އެއްބަސްވުމަކީ، ބަހްރެއިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ގުޅޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި، ދިވެހިސަރުކާރުގެ މައުލޫމާތު ރައްކާކޮށް، އަމިއްލައަށް ބެލެހެއްޓުމަށް ބަހުރައިނުން ފުރުޞަތުދިނުމުގެ އެއްބަސްވުމެކެވެ.
މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއި، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާ ވަނީ ޤުޟައިބިއްޔާ ގަނޑުވަރުގައި ބައްދަލުކުރައްވާ ފައެވެ.









