ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީ ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދިނުމުގެ ޙައްޤު ދޭން ޖެހޭނެ ކަމަށާއި، ހެޔޮ ގޮތް އިޚްތިޔާރު ކުރަން ރައްޔިތުންނަށް އެނގޭނީ އޭރުން ކަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަށަފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލް ކުރައްވައި ދެއްކެވި ވާހަކަ ފުޅުގަ އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގައި ބޭނުން މިންވަރަކަށް ބޭނުން ވައްތަރެއްގެ ވާހަކައެއް ދެއްކުމުގެ ފުރުޞަތު އޭރުގެ އިދިކޮޅު ފަރާތްތަކަށް ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”ރައީސް ޔާމީންގެ ވެރިކަމުގައި ދައްކާނެ، ވާހަކައެއް ދައްކާނެ ގޮތަކަށް، ދައްކާނެ ރާގަކަށް، ދައްކާނެ ދިގު މިނެއްގައި ދައްކަން ފުރުޞަތު ދީފައި އޮތީ. އެ ފުރުޞަތުގެ ބޭނުން އެމީހުން ނާޖާއިޒްކޮށް ހިފީ. އެ މައްސަލައެއް ނޫން. އެކަމު އަޅުގަނޑުގެ ވާހަކައަކީ ކީއްވެގެންހޭ މިހާރު އެ ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ހިފަން ދޫކޮށްލަން ނުކެރިގެން އެއުޅެނީ“ ރައީސް ޔާމީން ސުވާލުކުރެއްވި އެވެ.
ވަށަފަރު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވަށަފަރަކީ ޕީޕީއެމް އަށް ވަރަށް ޚާއްޞަ ރަށެއް ކަމުގައެވެ. އަދި ވަށަފަރުގައި އަލަށް ޕީޕީއެމްގެ ޖަގަހައެއް ހުޅުވިގެން ދިޔަކަން ފާހަގަ ކުރައްވައި އެކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި އަޙްމަދު ޣާލިބުގެ ނަން ފާހަގަ ކުރަށްވައި ރައީސް ޔާމީން ޝުކުރު އަދާ ކުރެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ބޭރު ސިފައިން ތިބުމަށްވުރެ ބޮޑު ކަމެއް ރާއްޖެއިން ފެންނަށް ނެތް ކަމުގައެވެ. މި ސަރުކާރު ނެގެހެއްޓުމަށްޓަކައި ސަރުކާރުން އެދޭ އެދުމުގެ މަތިން އެކަންކަން ކުރަމުން ދަނީ އިންޑިޔާ ސިފައިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެއީ ސަލާމަތްކަން އޮތް ކަމެއް ނޫން ކަމެއްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެވާހަކަ ހުއްޓުވުމަށް ރައީސުލްޖުމްޙޫރިއްޔާ ޤަރާރެއްވެސް ނެރުއްވަފާނެ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްލާފައި އޮތްކަމަށައި ނަމަވެސް މި ސަރުކާރުން ނުދޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
”ޚިޔާލުފާޅު ކުރުމަކީ އެންމެ މުޤައްދަސް އެންމެ ވަރުގަދަ ޙައްޤު، އެއީ އިންސާނުންނަށް މާތް ﷲ ދެއްވި ނިޢުމަތް، އެ މަތީ ތިބުމަށް މާތް ﷲ އަމުރު ކުރަށްވާފަވެސް މިއޮތީ، އެހެންވީމަ އެ ޙައްޤު ކިހިނެއްތޯ ޤަރާރަކުން ނިގުޅައި ގަންނާނީ“ ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ނުކުރައްވާ ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދުނުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށްވެސް ދޭން ޖެހޭނެ ކަމުގައެވެ.
”އަޅުގަނޑުމެން މިކުރާ މަސައްކަތް އެއްވެސް ގޮތަކަށް ބަންދުނުކުރައްވާ ކުރައްވަން ފުރުސަތު ދެއްވާ. އަޅުގަނޑުމެން ވިސްނައިދޭނަށް ރައްޔިތުންނަށް އަޅުގަނޑުމެން މިކުރާ މަސައްކަތް. އަދި އަޅުގަނޑުމެން ވިސްނައިދޭނަން މި ސަރުކާރުގައި ތިބި މީހުން ނުކޮށް ދޫކޮށްލާ މަސައްކަތް. އިހުމާލުވާ މަސައްކަތްތައް. ޣައިރު ޒިންމާދާރު ކަމާއެކު އުފުލާ މަސްއޫލިއްޔަތު، ނޫނީ ނުއުފުލާ ދޫކޮށްލާ އަމާނާތް“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޙައްޤުތައް ހިފަހައްޓައިގެން އުޅެނީ ޙައްޤުތައް ހޯދައިދިނުމަށް ވަކާލާތު ކުރި މީހުން ކަމުގައެވެ.









