މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވާނެ ފަރާތަކަށް ނިންމަވައިފި އެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމަށް ނިންމަވާފައިވަނީ 10 ބޭފުޅަކަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ދެއްވުމަށްވެސް ވަނީ ނިންމަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ޙަވާލުކުރެއްވުން އޮންނާނީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ރޭ، 8:30 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ އެވެ.









