ޤައުމިއްޔަތަށް މިއަދު ޙަމަލާތައް ކުރިމަތިވަނީ ކަނޑިބަޑިއާއި ސިލޭހައިގެ ބަދަލުގައި ވިސްނުމާއި ފިކުރަށް ކަމަށާއި، އެހެންކަމުން މި ފިކުރީ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އެންމެންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެހެންކަމުން ޅަދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމުގަ އެވެ.
ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެހެން ޤައުމުތަކާއެކު ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި މިއީ ޤައުމިއްޔަތު ދިފާއުކުރުމުގައި އެހާމެ ބޭނުންތެރިކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ވަކިވަކި ފަރުދުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި ކޮންމެ މީހަކީވެސް ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، މުޖްތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިރޭގެ ޙަފްލާފަދަ މިފަދަ ކޮންމެ ޙަފްލާއަކީވެސް ޤައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކާމެދު ވިސްނައި އަދި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނުން ހިންގެވުމަށް މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ. އަދި އިސްތިޢުމާރީ އަޅުވެތިކަމުން، ރާއްޖެ ސަލާމަތްކުރުމާއި ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު ހިމާޔަތްކޮށްދެއްވުމަށް އުތީމު ތިން ބެއިންނާއި ދެހާޖީންނާއި ދަންޑަހެލު ކުރި ޤައުމީ ޖިހާދުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވި އެވެ.
ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަށް މިއަދު ޙަމަލާތައް ކުރިމަތިވަނީ ކަނޑިބަޑިއާއި ސިލޭހައިގެ ބަދަލުގައި ވިސްނުމާއި ފިކުރަށް ކަމުގަ އެވެ.









