Search Streamline Icon: https://streamlinehq.com

ފަހުގެ

މާލޭގައި ހިގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ: އެކެއްގެ ހަށިގަނޑު އަދިވެސް ވީ އެތެރޭގައި

Big Icfqy7MvJ9cNYcKYXN78HhnH8

ރޭ ދަނވަރު މާލޭގައި ހިނގައި ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާއިރު އަދިވެސް އެކަކުގެ ހަށިގަނޑު އެތެރޭގައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފިއެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި މަރުވި މީހުންގެ ޖިންސު ވަކިނުކުރެވޭ ވަރަށް ވަނީ އަދާފައެވެ. އެހެން ކަމުން މަރުވެފައިވަނީ އަންހެނުން ކަމެއް ނުވަތަ ފިރިހެނުން ކަމެއް ޔަޤީންކޮށް ބުނެދޭކަށް ނޭގޭ ކަމަށް ވަނީ މައުލޫމާތުދީފައެވެ.

ރޭ ދަންވަރު 12:30 ހާއިރު ހިނގާދިޔަ މިހާދިސާގައި 10 މީހަކު މަރުވެފައިވާއިރު އެކެއްގެ ހާލު ވަރަށް ސީރިޔަސްއެވެ. އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދިޔަ ތަނެކެވެ. ދެފަންގިފިލާއަށް ތަން ހަދާފައިވާއިރު ފިލާއިން ޑެގު އަޅާފައި ހުރުމުން އަލިފާންގަނޑު ވަނީ އިތުރަށް ފެތުރިފައެވެ.

އިމާރާތުގެ ތިރީގައި ހުރި ގަރާޖެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާ ހިގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދިވެހި ފުލުހުން ކުރަމުން ގެންދާއިރު އަލިފާނުގެ ހާދިސާ ހިގި ގޭގެ ކޮޓަރިތަކުގައި ބިދޭސީން ނިދާ ކޮންމެ އެނދެއް ކައިރީގައި ކައްކާ ގޭސް ހުރިކަމަށް އެމްއެންޑީއެފްގެ ކާނަލް ވަނީ ވިދާޅުވެފައެވެ.

އޭގެ ސަބަބުން ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރެމުން ދިޔައީއެވެ.

އެ ތަނުގައި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރުމުގެ ސަބަބުންނާއި ހަނި ސިޑިއަކުން އަރަންޖެހޭ ތަނަކަށްވުމުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިގި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި އަލިފާނުގެ ހާދިސާ ކަމަށާއި މިކަމާ ގުޅޭ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު ސަލާމަތް ކުރެވުނު މީހުންނަށް ދޭން ޖެހޭ އެހީތެރިކަން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ މެދުވެރިކޮށް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެންޑީއެމްއޭ އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން މާފަންނު ސްޓޭޑިއަމްގައި ހުރި އިވެކުއޭޝަން ސެންޓަރު ހުސްކޮށް އެތަނަށް މީހުން ގެންދިއުމުގެ ކަންކަން ކުރަމުންދާ ކަމަށާއި ބެކަޕެއްގެ ގޮތުން ޖަމާލުއްދީން ސްކޫލު ވެސް ތައްޔާރު ކޮށްފައިވާ ކަމަށް އެންޑީއެމްއޭގެ ޗީފް ހިސާން ވިދާޅުވިއެވެ.

މީގެއިތުރުން މިހާތަނަށް 28 ބިދޭސީއަކު އިވެކުއޭޝަން ސެންޓަރަށް ގެންދެވިފައިވާކަމަށާއި އެމީހުންނަށް ދޭންޖެހޭ ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދެމުންދާ ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.

މިހާދިސާ ހިގާ ދިޔައިރު އެއިމާރާތުގައި ބަންގްލަދޭޝް، ލަންކާ އަދި އިންޑިއާގެ ރައްޔިތުން އެތަނުގައި ދިރި އުޅެމުން ދިޔަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި