Search Streamline Icon: https://streamlinehq.com

ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން

MNDF fenvaruonline

ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ގެއްލުނު މީހާ ހޯދުމަށް މިމަހުގެ 13 ވަނަދުވަހުގެ އިރުއޮއްސުމާ ހަމައަށް 900 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފަ އެވެ.

އެމްއެންޑީއެފް އިން ހާމަކުރެއްވިގޮތުގައި އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މި މަހުގެ 13 ވަނަ ދުވަހުވެސް އެ މީހާ ފެނިފައެއް ނުވެއެވެ. އަދި މި މީހާ ހޯދުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހުވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓަކުން މީހަކު ގެއްލުނު ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ 12:50 ހާއިރުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ”ލިއޯ ސަކްސެސް“ ނަމަކަށް ކިޔާ އެ ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ ދެކުނުން 14 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި، ދިޔަވެ ބަންޑުން ޖަހާލައި އޮއްވައި އޭގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ”ސީ ވީޑް“ ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން މި މަހުގެ 12 ވަނަ ދހުވަހުގެ 16:10 ހާއިރު ގދ.ވާދޫއަށް ވަނީ ގެންގޮސްދެއްވާފައެވެ.

ހަތަރުވަނަ ފަޅުވެރިޔާ ފެނިފައި ނުވާތީ އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *