މާލޭ ސިޓީގެ މިސްކިތްތަކުން ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރެއް ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލަށް ދީފިއެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ މާލެ ސިޓީ ކައުންސިލްގެ 76 ވަނަ ރަސްމީ ޖަލްސާގައި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުޖުތަބާ ޖަލީލު ވިދާޅުވެފައިވަނީ މާލެ ސިޓީގެ މިސްކިތްތަކުގެ ކަރަންޓުބިލްތައް ދައްކާފައިނުވާތީ ވަކި މުއްދަތެއްގެ ތެރޭގައި މިސްކިތްތަކުން ކަރަންޓު ކަނޑާލާނެ ކަމުގެ ސިޓީއެއް އެކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެކައުންސިލާއި ސްޓެލްކޯ އާއެކީ ސޮއިކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ކަރަންޓު ބިލްތަކަށް ވާ ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ކަމަށް އެސްޖީ ވިދާޅުވިއެވެ. އަދިހަމައެއާއެކު ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 68 މިލިއަނަށް އަރާކަމަށް މީރާގެ ރެކޯޑްސްތަކާ ހަވާލާދީ އިއްޔެގެ ޖަލްސާގައި ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ސްޓެލްކޯ އާއިއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި އެފައިސާ ދެވެންއޮތް އެންމެ އަވަހަށް ދެއްވާނެ ކަމަށް ބުނި ކަމުގައިވިޔަސް އެފައިސާ އަދި ނުދައްކާ ކަމަށް މިޖަލްސާގައި ވަނީ ފާހަގަކޮށްފައެވެ.
ސްޓެލްކޯއިން ބުނާގޮތުން ފިނޭންސް މިނިސްޓްރީ އާއިއެކު މަޝްވަރާތަކެއް ކުރެވިގެން ނޫނީ މާލެ ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދެވޭކަށް ނެތެވެ.
މީގެއިތުރުން މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން މިސްކިތްތަކުން ފެނާއި ކަރަންޓް ކަނޑާލި ކަމަށާއި ބަޖެޓު ނުދީ ކައުންސިލާއި މިސްކިތްތައް ހަވާލުކުރިއިރު، މިސްކިތްތަކުގެ ބިލްތައް ދައްކަމުން ދަނީ އާމްދަނީ ބަޖެޓުން ކަމުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ފާހަގަކޮށްފައެވެ. އަދި ކައުންސިލްގެ އާމްދަނީ ބަޖެޓް ސަރުކާރުން ހިފަހައްޓާފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ.
މިސްކިތްތަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ސްޓެލްކޯއިން ދިނުމާއި ގުޅިގެން އެމައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީއާއި ހިއްސާކޮށްފައިވާނެ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެކި ގޮތް ގޮތުން ދަތި ކުރަމުންދާ ކަމަށް މި ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައެވެ.









