ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިތަނބު، ދިވެހރާއްޖޭގެ ލޭނާރު ކަމުގައިވާ މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް ކުރިއަށް އޮތް 2023 ވަނަ އަހަރަށް ލަފާކޮށް ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖލީހަަށް ހުށައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަށް އިތުރު އިސްލާޙް ހުށަހަޅުއްވާފައިވާކަމަށް އިދިކޮޅު އެންމެ ބޮޑު ކޯލިޝަން ކަމުގައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މައި ކޯލިޝަން، ޕީޕީއެމް-ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން އާއްމުކުރެއްވި ނޫސް ބަޔާނެއްގައި ބުނފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓަކީ ދިވެހި އިޤްތިޞާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއް ކަމުގައިވާތީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިސްލާޙް ހުށަހަޅުއްވާފައިވާ ކަމުގައެވެ.
އިދިކޮޅު މައި ކޯލިޝަންގެ ނޫސްބަޔާނުގައި ބުނެފައިވަނީ މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް ދިވެހި އިޤްތިސާދުގެ މުހިއްމު ބައެއް ހިއްސާކުރާ، ދިވެހި ޢާއްމުންގެ ބޮޑު އާބާދީއެއްކަމަށްވާ މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297،474،863ރ. މަސްވެރިންގެ ސަބްސިޑީއަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 214 މާއްދާގެ (ހ)ގެ ދަށުން އެ ޕާލިމެންޓްރީ ގްރޫޕުން ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓަށް އިޞްލާހު ހުށައަޅާފައި ކަމަށްވެސް އިދިކޮޅުން އާއްމުކުރެއްވި ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އެ ނޫސް ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޙަޤީޤީ ޒިއްމާތައް އިސްކޮށް، ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށައަޅާފައިވާ އިސްލާޙުތަކަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދު ކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާ ކުރެއްވުމަށްފަހު އެ ބަޖެޓަށް 160 މިލިޔަން ރުފިޔާ ވަނީ އިތުރުކުރަށްވާފަ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޢަދަދަކީ 42.8 ބިިލިޔަން ރުފިޔާއެވެ.









