އެމްއެމްއޭ އިން ކަނޑައަލާފައިވާ ނިޝާނާއެކު ދިވެހި ރުފިޔާ 50 ގެ އައު ނޫޓު ދައުރުކުރަން ފަށައިފިއެވެ.
މިދިޔަ ޖުލައިމަހު އެމްއެމްއޭއިން ދިވެހި ރުފިޔާގައި ޖަހަން ކަނޑައަޅާފައިވާ ދިވެހި ރުފިޔާގެ ނިޝާނާއެކު މިއަދު ވަނީ 50 ރުފިޔާގެ އާ ނޫޓު ދައުރުކޮށްފައެވެ. އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ.
މިގޮތަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުއެވެ.
އަދި ހަމައެއާއެކު މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 އެވެ. މިނޫޓުގައި ސޮއިކޮށްފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ.
2016 ވަނަ ވަނީ ދިވެހި ރުފިޔާގެ ނޫޓު ސީރީޒެއް ނެރެފައެވެ. އެނޫޓުތަކަކީ ގެންގުޅެން ފަސޭހަ ޒަމާނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ.
މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ނޫޓުތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.









