މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގައި ގުރޫޕް އީ ގެ ފަހުމަޗްގައި ވަރުގަދަ ސްޕެއިން ބަލިކޮށް އެ ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޖަޕާން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މި މެޗް ޖަޕާނުން ކާމިޔާބު ކުރީ ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުންނެވެ. ހަމަ ހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެތީމުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ހޯދާފައެވެ.
މެޗްގައި ފުރަތަމަ ގޯލެއްޖަހައި ލީޑް ނެގީ ސްޕެއިން އިންނެވެ. މިއީ މެޗް ގެ 11 ވަނަ މިނެޓްގައި ޖަޕާންގެ އޭރިއާ ބޭރުން ސްޕެއިންގެ އަޒްޕްލިކެޓާ ނަގައިދިން ހުރަހަކުން އަލްވާރޯ މޮރާޓާ ބޮލުން ޖަހާ ގޯލަށް ވައްދާލި ހިތްގައިމު ގޯލެކެވެ. ފުރަތަމަ ހާފް ނިމުނީ މި ލީޑްގައި ސްޕެއިން އޮވެގެންނެވެ.
ދެވަނަ ހާފް ޖަޕާނުން ފެށީ ފުރަތަމަ ހާފަށްވުރެން ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 3 ވަނަ މިނެޓްގައި ޖަޕާނުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މިއީ ސްޕެއިންގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގާ ޖަޕާންގެ ރިޓްސޫ ޑޯން ކާމިޔާބުކޮށްދިން ގޯލެކެވެ.
ޖަޕާނުން މެޗްގެ ލީޑްނެގީ ފުރަތަމަ ގޯލް ޖެހިތާ މާގިނައިރެއްނުވެ، މެޗްގެ 51 ވަނަ މިނެޓްގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އައޯ ޓަނަކާއެެވެ.
މިމެޗުން މޮޅުވުމުން ޖަޕާނަށް ގުރޫޕްގެ އެއްވަނަ ލިބެނީ ކުޅުނު ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެ 6 ޕޮއިންޓާއިއެކުއެވެ. ސްޕެއިން އާއި ޖަރުމަން ލިބިފައިވަނީ 4 ޕޮއިންޓެވެ. ނަމަވެސް ސްޕެއިން ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ފައިދާ ގޯލްގެ ތަފާތުންނެވެ. މި ގުރޫޕްގެ ފުލުގައި އޮތް ކޮސްޓަރިކާ އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.













