ޚާއްސައެހީއަށް ބޭނުންވި ނަމަވެސް ކޮންމެ ކުއްޖަކީވެސް ބޭނުންތެރި ކުއްޖެއްކަން ސާބިތުކޮށްދީ އެންމެންގެ ސަމާލުކަން ހޯދާފައިވާ ޝަވަން އަށް ރަނިންގް ބްލޭޑު ހޯދައިދީފިއެވެ.
ބައިނަލް އަޤްވާމީ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަހަުގެ މުނާސަބަތާއި ގުޅުވާލައްވާ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު އެންމެެ އުފާވަނީ ޝަވަންއަށް ރަނިންގް ބްލޭޑް އެއް ހަމަޖައްސައި ދެވުމުން ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ފުރަތަމަ ރަނިންގް ބްލޭޑް އެތުލީޓަކަށް ޝަވަން ހެދުމަކީ އުންމީދެއްކަމަށެވެ.

މިނިސްޓަރ މަޙްލޫފް އިތުރަށް ވިދާޅުވީ ޝަވަން އަށް އިންޑިއާއިން ތަމްރީންތައް ހެދުމަށް ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
ޝަވަން ދިވެހިންގެ ހިތްތަކުން ޖާގަހޯދީ އޭނާގެ ރަށް ހދ. މަކުނުދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައި އޭނާ ކުޅުނު މެޗެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ. އެވީޑިއޯއިން ޝަވަންގެ ހިތްވަރު ގަދަކަމާއި، ކޮންމެ ކުއްޖަކީވެސް ފުރުސަތު ލިބިއްޖެނަމަ ބޭނުންތެރި ކުއްޖެއްކަން ސާބިތުކޮށްދިނެވެ. މިއާއި އެކު އެޑިއުކޭޝަން މިނިސްޓަރ އަދި ޔޫތު މިނިސްޓަރ ހިމެނިވަޑައިނަވާހެން ޓީމެއް ވަނީ ޝަވަން އާއި އޮންލައިން މީޓިން އަކުން ބައްދަލުކޮށްފައެވެ. އަދި އާސަންދައިން ޝަވަން އަށް ފަޔެއް ޖެހޭނެގޮތް ވެސް ވަނީ މަގުފަހިވެފައެވެ.









