ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ފަދަ އަސާސީ އެއްޗަކަށް މިހާރު ވެފައިވާ ކަމުގައި ރަައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ސްޓެލްކޯގެ ޚިދުމަތަށް 73 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ދުނިޔޭގެ އިޤުތިޞާދަށް އަންނަ ލޮޅުންތަކާއެކު ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ކޮވިޑް-19ގެ ހާލަތުންނާއި، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތުގެ ސަބަބުންވެސް އެނގި ހާމަވާކަމުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ތެލުގެ އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކުވެސް ސްޓެލްކޯއިން ކުރައްވާފައިވާ މަސައްކަތްތަކާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރައްވައި އެމަސައްކަތްތައް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މާލޭގެ ކަރަންޓުގެ ޚިދުމަތުގެ ތާރީޚަށާއި، ސްޓެލްކޯއިން މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ފައިދާއަށް ކޮށްފައިވާ މުހިއްމު ގިނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީވެސް ކަރަންޓުގެ ޚިދުމަތާ މެދުގައި ކަމަށެވެ. އަދި ފެނަކަ އާއި ސްޓެލްކޯގެ މަސައްކަތުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކުރެވި، ތިންސަތޭކައަށްވުރެ ގިނަ ޖެނެރޭޓަރު ސެޓް ރަށްރަށަށް ފޮނުވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށުނީ، 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ޚިދުމަތްދެވި ތަރައްޤީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރުގައެވެ.









