Search Streamline Icon: https://streamlinehq.com

ރ. އަތޮޅުގައި ތިންވަނަ އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށަނީ

Fainu Airport Fenvaruonline

ރ.އަތޮޅު ދެކުނު ބިތުގައި ޤާއިމްކުރާ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެ މަސައްކަތް ލަސްވަނީ އެއަރޕޯޓު އަޅާނެ ރަށެއް ނުނިންމި އޮތުމުގެ ސަބަބުން ކަމާއި އަދި ވީ އެންމެ އަވަހަކަށް ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާ ކުރައްވައިގެން ރަށެއް ކަނޑައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު އަލިފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރ. އަތޮޅު ކައުންސިލްތަކުގެ މަންދޫބުންނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.  

އެ ބައްދަލުވުމުގައި ބައިވެރިވެލެއްވި އަތޮޅު ކައުންސިލްގެ މެންބަރަކު ވިދާޅުވީ, އެ ބައްދަލުވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވާހަކަ ދެކެވުނީ ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއަރޕޯޓާއި ގުޅޭގޮތުން ކަމުގަ އެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް އަޅަން ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، ފައިނުގައި ވަނީ ސާވޭގެ މަސައްކަތްތައް ވެސް ކޮށްފައެވެ. ނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައީ އެކަމުގެ އަމަލީ މަސައްކަތް ވަނީ ނުފެށިއެވެ.

ނަމަވެސް އޭގެފަހުން ފައިނުގައި އެއަރޕޯޓެއް އަޅަން ނޫޅޭކަމަށް މި ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ. އެއާއިއެކު ދެކުނު ބިތުގައި އަޅާ އެއަރޕޯޓު އަތޮޅުގައި އޮތް ބެރިޔަންފަރާއި ފުސްފަރުގައި އެޅުމަށް އަތޮޅުގެ ބައެއް ރަށްރަށުން ވަނީ ޑިމާންޑް ކޮށްފަ އެވެ. 

”ރައީސް ޞާލިޙްގެ އިތުރުން ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވެސް ރިކަމެންޑް ކުރެއްވީ ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓު މީހުން ދިރިއުޅޭ ރަށެއްގައި އެޅުމަށް” މައުލޫމާތު ދެއްވި ކައުންސިލަރު ވިދާޅުވި އެވެ.

ސަރުކާރުން ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއަރޕޯޓު މީހުން ދިރިއުޅޭ ރަށެއްގައި އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިކަމެންޑް ކުރައްވާކަންވެސް ހާމަ ކުރައްވާފައިވަނީ މި ބައްދަލުވުމުގަ އެވެ.

މަސްދަރު: ފައިނު އޮންލައިން

Leave a Reply

Your email address will not be published. Required fields are marked *