Search Streamline Icon: https://streamlinehq.com

އިދިކޮޅު މައި ކޯލިޝަނުން ”ބުންވަރު“ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަނީ

Bunvaru fenvaruonline

އިދިކޮޅު އެއްމެ ބޮޑު ކޯލިޝަން ކަމުގައިވާ ޕީޕީއެމް ކޯލިޝނުން “ ބުންވަރު“ގެ ނަމުގައި ހިނގާލުމެއް ބާއްވަން ނިންމަވައިފި އެވެ.

”ބުންވަރު“ ހިނގާލުމާއި ހޯޕް ކޮންފަރެންސަށް ހުޅުމާލެ ދާއިރާއިން ތައްޔާރު ވުމުގެގޮތުން މިއަދު ހަވީރު ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއް ޞަމަދުމިދާއިރާގެ ކަނބަލުން ނާއި ބައްދަލު ކުރެއްވި އެވެ. މިބައްދަލު ކުރެއްވުމުގައި ދާއިރާގެ އަންހެނުންގެ ރައީސާ އާއި ހުޅުމާލެ ދާއިރާގެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން ދާއިރާގެ ނައިބް ރައީސް ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

”ބުންވަރު“ ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހިނގާލުން އޮންނާނީ ތިނެއް ފެބްރުއަރީ 2023 ވާ ހުކުރު ދުވަހު ހަވީރު 16:00ގައި ކަމަށްވެސް އެ ކޯލިޝަނުން ވަނީ ހާމަކުރައްވާފަ އެވެ.

ޕީޕީއެމް ކޯލިޝަނުން އިއްޔެ މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބުރާހީމް ޝުޖާ ވިދާޅުވީ ފެބުރުވަރީ މަހުގެ 2 ން 4 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޯޕް ކޮންފަރެންސްގެ ތެރެއިން ބާއްވާ ބޮޑު ހިނގާލުމުގައި އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުއްލަވާނެ ކަމުގަ އެވެ.

ޕީޕީއެމް އިން ހާމަކުރެއްވި ގޮތުގައި ހޯޕް ކޮންފަރެންސަކީ އަންނަ ސެޕްޓެމްބަރުގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޕިޕީއެމް ކޯލިޝަނުން ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކޮންފަރެންސް އެކެވެ.

އަންނަ ހުކުރު ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ”ބުންވަރު“ ހިނގާލުމުން ޕީޕީއެމް އޮފީސް ދޮރުމަތިން ފެށުމަށް ހަމަޖެހިފައިވާއިރު މި ހިނގާލުމުގައި ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރި ވުމަށް އިދިކޮޅު މައި ކޯލިޝަނުން ވަނީ އެދި ލައްވާފައެވެ.

ޕީޕީއެމް ކޯލިޝަނުން މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަނޑިވަޅުގައި ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުންނެވީ އެމަނިކުފާނުގެ މައްޗަށް ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުޙުކުމެއްގައި މާފުށީ ޖަލުގައިކަން ފާހަގަ ކުރެވެ އެވެ.

ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރ ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެފައިވަނީ ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރައްވާފައި ނޫނީ އެމަނިކުފާނު އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *